އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މޯދީއަށް އަލަވަދާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްދު ޞާލިޙްއެވެ.

ދެވަނަ ދައުރަކަށް އިންތިޚާބު ވެޑައިގަތުމަށްފަހު ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި މޯދީ ރާއްޖެ ވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މޯދީ މިހާރު ވަނީ ލަންކާ އަށް ވަޑައިގެންފައެވެ.

މޯދީ ގެ ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާ އިން 6 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އަދި އިންޑިއާ އަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލޭނެ ރާޑަރު ސިސްޓަމްތައް ވަނީ އިފްތިތާހް ކޮށްފައެވެ. މިހާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ހުރިހާ އުޅަނދުތަކެއް ދަތުރު ކުރަމުންދާ ގޮތް އިންޑިއާ އަށް ވަގުތުން ވަގުތަށް އެނގޭނެއެވެ.

އިއްޔެ ރައީސް ޞާލިހް ދިވެހި ސަރުކާރުން ބޭރުގެ އިއްޒަތެރިންނަށް އަރުވާ އެންމެ މަތީ ޝަރަފު ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު މޯދީ އަށް އަރުވާފައެވެ. ރާއްޖޭގެ ރައްޔިތުން މަޖްލީހުގައި މޯދީ ވަނީ ރޭ ތަގުރީރުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޡުހައިރު

    ހިލޭ ހެލިކޮޕްޓަރު ދީފައިވާ އުސޫލުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުވެސް ބަލަހައްޓައިދެނީ، ކިހާ ގާތްގުޅުމެއް. ???