ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ އަޑުގެ ސާމްޕަލް ނެގުމަށް މާދަމާ ރޭ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

މާދަމާ ރޭ ފުލުހަށް ހާޒިރުވާން އެންގިއިރު މިއަދު މެންދުރު ވެސް މުސްތަފާ ފުލުސް އޮފީހަށް ހާޒިކުރިއެވެ.

މިއަދު މެންދުރު އޭނާ ހާޒިރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ މަގާމުން ބޭރުކޮށް ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

ފުލުސް އޮފީހުން ނިކުމެވަޑައިގެން މުސްތަފާގެ ގާނޫނީ ވަކީލު މަހްފޫޒު ސައީދު ވިދާޅުވީ ރާއްޖެ ޓީވީގެ އެ ޕްރޮގްރާމްގައި މުސްތަފާ ދެއްކި ވާހަކައިގެ ވީޑިޔޯއެއް ފުލުހުން މިއަދު ދެއްކި ކަމަށެވެ. އެ ޕްރޮގްރާމްގައި ދެއްކެވި ވާހަކަތަކަށް މުސްތަފާ އިންކާރު ނުކުރައްވާ ކަމަށް ވަކީލް ވިދާޅުވިއެވެ.

އަދި މި މައްސަލާގައި މުސްތަފާގެ އަޑުގެ ސާމްޕަލް ހޯދުމަށް ފުލުހުން ދެންނެވި ކަމަށާއި އަޑުގެ ސާމްޕަލް ނެގުމަށް މާދަމާ ރޭ 20:00 އަށް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައިވާ ކަމަށްވެސް މަހުފޫޒް ވިދާޅުވިއެވެ.

މުސްތަފާ ފުލުސް އޮފީހަށް ހާޒިރުކުރިއިރު ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު އާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަދި މި މަހުގެ ފަސްވަނަ ދުވަހުގެރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން ޑީޖޭއޭގެ ވެރިޔާ ހަސަން ސައީދު ވެސް ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަން ޝާހު

    އެމްޕީ މުސްތަފާގެ އަޑުގެ ސާމްޕަލަށްފަހު ނަތީޖާ ލިބުމުން ކޮމެންޓެއްކުރެވޭނީ.

  2. ޢަލިހޮއްކޮގެ އިބުރާހީމު

    ޕިންކީން ކަންބޮ ނުވާށެވެ. މަޖިލިސް ހުޅުވޭއިރު އޮންނާނީ މަމެންގެ މެޖޯރިޓީއެވެ.

  3. ރައްޔިތުން

    .މޫނަން ގެނުވާ ސިފަތަކުގެ ވެސް ސާމްޕަލް ނަގަންވީ