ރާއްޖެއާ ދުރުން އަރަބި ކަނޑުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖެއާ ދުރުން އަރަބިކަނޑުގައި އުފެދިފައިވާ ތޫފާން ބާރުގަދަކޮޅިގަނޑަކަށް ބަދަލުވެ، މިހާރު "ވާއްޔު" ނަމަކަށް ކިޔާ ތޫފާނަކަށް ބަދަލުވެފައިވާކަމަށެވެ.

އަދި ލަފާ ކުރެވޭގޮތުގައި ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ބާރުގަދަ ތޫފާނަކަށް "ވާއްޔު" ބަދަލުވެގެންދާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މާދަމާ ހެނދުނު 10:00 އަށް މޫސުމާއި ބެހޭ އިދާރާއިން މޫސުން ކުރިއަށް ލަފާކޮށްފައިވާގޮތަށް ބަލާއިރު، އުތުރާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ގުގުރުން އެކަށީގެންވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މެޓް އޮފީހުން ވިދާޅުވީ، ވައި ޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން، މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 20 މޭލާދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާ 13 މޭލާދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.

"އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް. ހުރިހާ ފަރާތްތަކުން، ވަކިން ޙާއްސަކޮށް ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޙާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަން". މެޓް އޮފީހުން ވިދާޅުވިއެވެ.