ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަޅާ 15 ބުރީގެ ދެ ޓަވަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއަދު ހަވީރު ހުޅުމާލެ ފޭސް2 ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފަައްޓަވާދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އާދިލް މޫސާއެވެ.

މި މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން އިން އަޅާ 15 ބުރީގެ ދެ ޓަވަރުގެ މަސައްްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

އެމްއޭސީއެލް އިން ވިދާޅުވީ އެ ކުންފުނިން އަޅާ ދެ ޓަވަރުގައި އެއް ކޮޓަރީގެ އެޕާޓްމެންޓާއި، ތިން ކޮޓަރީގެ އެޕާޓްމެންޓް ހުންނާނެކަމަށެވެ. އަދި މީގެ ސަބަބުން އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކަކަށް ބޯހިޔާވަހިކަން ޔަގީންވެގެންދާނެކަމަށް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑީ އާދިލް ވިދާޅުވީ، މިއީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، ގިނަ ބައެއްގެ ހުވަފެންތަކެއްގެ ކުލަ ޖެހިގެން ދިޔަ ދުވަސް ކަމަށެވެ. އަދި މިއީ އެ ކުންފުނީގެ މުވައްޒަފުން އެންމެ އެދޭ އެއް ކަންތައްކަމަށްވެސް އާދިލް ވިދާޅުވިއެވެ.

އާދިލް މޫސާ - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

"މި ލިބޭ ފްލެޓް މުވައްޒަފުންނަށް ލުއިފަސޭހަގޮތެއްގައި ލިބޭނެ ހުރިހާ ކަންތައްތަކެއް ހަމަޖައްސަމުންދާކަން ފާހަގަކޮށްލަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މީގައި އެންމެ އުނދަގޫވާކަމަކަށް ދިމާވާނީ ފައިސާގެ މައްސަލަ. އިރާދަކުރެއްވިއްޔާމުން ކުންފުނިންވެސް މިކަމަށް ލުއި ފަސޭހަ ގޮތްތަކެއް އަޅުގަނޑުމެން މި ދަނީ ބަލާ އެކަންތައް މަގުފަހިކޮށްދެވޭނެ މަގު ފަހިކޮށްދެމުން". އާދިލް ވިދާޅުވިއެވެ.

އަދިލް ވިދާޅުވީ، އުއްމީދަކީ އަންނަ އަހަރު މި ދެ ޓަވަރުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ތެރޭގައި މީހުންނަށް އުޅެވޭ ވަރު ކުރުން ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ، ކުންފިނިތަކުގެ ތެރެއިން ހިޔާ ޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިވުމަށް ނިންމި ކުންފުންޏަކީ އެމްއޭސީއެލް ކަމަށެވެ.

"އެހެންވީމަ އެކަމުން ދޭހަކޮށްދޭ މުވައްޒަފުން ކުރިއަރުންވަން އަދި މުވައްޒަފުންގެ އާއިލާތަކުގެ ކުރިއެރުމަށް މެނޭޖިންގ ޑައިރެކްޓަރާއި، މެނޭޖްމެންޓުން އަދި ބޯޑުގެ ކެރުންތެރިކަން". ސައީދު ވިދާޅުވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މުވައްޒަފުންނަށްޓަކައި ހިޔާ މަޝްރޫއުގެ ދަށުން ހެދޭ ޓަވަރުތަކުގެ އެންމެ ފުރަތަމަ ހަގީގަތަކަށް ހެދޭ ދެ ޓަވަރުގެ މި ދެޓަވަރު ހަދައިދެއްވުމަށް މިނިސްޓަރު ސައީދު ވިދާޅުވުއިރު، އެ ކުންފުންޏަށް މިކަން ކުރެވޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ

ހުޅުމާލޭގައި 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 36 ޓަވަރު އަޅާނެއެވެ. އެތައް އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް "ހިޔާ"ގެ ނަމުގައި ބޮޑު މަޝްރޫއެއް އިފްތިތާހުކޮށްދެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒުއާނި

    ކުންފުނީގެ ހުރިހާ މުވައްޒަފުން ދިރިއުޅުމުގެ އުއްމީދު ކަމަށްވާ ބޯހިޔާވަހިކަން ހައްލެއް، ކުރިމަގެއް، ޔަޤީން ކަމެއްލިބުމަކީ މިއަދު ކުންފުނީގެ ހުރިހާ މުވައްޒަފުން މިކަމަށްޓަކައި، މެނޭޖްމަންޓް އަދި ރަޢީސުލް ޖުމްހޫރިއްޔާ އަށް ޝުކުރު ރައްދުކުރަން ވަނީ ކެއްމަދުވެފައެވެ.