ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަނީ "އިތުރުގޮތެއް ނުފެނުމުން" ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

އަދީބު ރާއްޖެ އިން ބޭރަށް ފޮނުވަން ސަރުކާރުން ނިންމުމުން ސަރުކާރަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ޖަވާބުދާރީ ވުމުގެ ގޮތުން ހޯމް މިނިސްޓްރީ އިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަދީބު ރާއްޖެ އިން ބޭރަށް ފޮނުވަނީ އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން، ރާއްޖޭގެ ސިއްހީ ޚިދުމަތްދޭ އެއްވެސް ތަނަކުން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ޑޮކްޓަރުން ތަކުރާރުކޮށް ލަފާދިނުމާގުޅިގެން، ރާއްޖެއިން ބޭރުގެ ކަމާގުޅުންހުރި ސިއްހީ މާހިރުން ގެނެސްގެން ކުރެވުނު މަސައްކަތުންވެސް އިތުރުގޮތެއް ނުފެނުމުން ކަމަށެވެ.

މެޑިކަލް ބޯޑުން، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ނިންމުމާގުޅިގެން ސަލާމަތީ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ސަރުކާރުން ވަނީ ހަމަޖައްސާފައި ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވިއެވެ.

"މެޑިކަލް ބޯޑުގެ ލަފާގެ މަތިން ބޭސްފަރުވާގެ ބޭނުމަށް އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ދިވެހި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުން ބައިވެރިވާނެއެވެ." ބަޔާނުގައި ވެއެވެ.

އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން ކަށަވަރުކޮށްދޭންޖެހޭ އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވިކަމުގައިވިޔަސް އެކަމުގެ ސަބަބުން އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްނޭޅޭނެކަމާއި، އިންސާފުގެ ކުރިމަށްޗަށް އޭނާ ހާޒިރުކުރުމަށް ހުރަސްއެޅޭނެ އެއްވެސްކަމެއް ވިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދީބު ރާއްޖެ އިން ބޭރަށް ފޮނުވަން ސަރުކާރުން ނިންމުމުން ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީ އިން ވަނީ ކުއްލި މައްސަލައެއް ވެސް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސައުދާ

    ގޮތް ހުސްވީތަ ސަރުކާރަށް ލާރި ބޮނޑި ދިނީތަ ސަރުކާރަކަށް ގޮތް ހުސްވީމަ ލަދުދޯ؟ ކީކޭ ބުނާނީ އަޖައިބު އަންތަރީސްވާވަރުވޭ... މި ނޫނީ ނެތް ކަންކުރަން ނޭގޭ ސަރުކާރެއް. އެހެންވެތާ އިންޑިއާ އަށް ވިކިނިމިގެން މިދަނީ..

    25
    3
  2. ރައްޔިތުން

    މައްސަލަތަކުން މިނިވަން ކުރުމުން ތިކަމުގައި އެއްވެސް ހުރަހެއް ނެތް ދާނެތަނަކަށް އަދީބު ދާންދީ އަދީ އޭނާ ފުރުމުގައި ހިފެހެއްޓޭނެ ޖާގައެއް ނެތް

    10
    1
  3. ރައްޔިތުން

    ނަޝީދު ބަންދުގައި ހުއްޓާ ފަރުވާ އަށް ފުރައިގެން ދިޔަ ދިއުން ހަނދާން ނައްތާލީތޯ؟ މަޖިލީހުގައި ތިބި އެމްޑީޕީ މީހުން

    17
    1
  4. ނަސީދު

    ގުލްކޯމާ އަކީ ފަރުވާއެއް އޮންނަ ބައްޔެއްނޫން އެހެންވީމާ ރައްޖެއިބޭރައްދިޔަސް ތިކަމެއް ރަގަޅެނުކުރެވޭނެ ސަރުކާރުވެސް އަޑީގައި ތިބެގެން މިސޮރު ފުރުވާލަނީ ކަމައް ގަބޫލުކުރެވެނީ