ވ.ރަކީދޫގައި މަންމަގެ އަނިޔާތަކުގެ ސަބަބުން މަރުވި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މަރުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބޭއްވީ މިދިޔަ އޮކްޓޫބަރު މަހު ކަމަށްވާއިރު، މި މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ.

2015 ވަނަ އަހަރުގެ ތެރޭގައި އިބްތިހާލުގެ މަންމަ އާފިޔާ މުހަައްމަދުގެ އަނިޔާތަކުގެ ސަބަބުން އިބްތިހާލު މަރުވިއިރު، އާފިޔާގެ މައްޗަށް ކުރަނީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާއެވެ. އެދައުވާއަށް އާފިޔާ ވަނީ ޝަރީއަތުގައި މީގެކުރިން ވަނީ އެއްބަސްވެފައެވެ.

މި މައްސަލައިގެ އެންމެފަހުން ބޭއްވި އަޑުއެހުމުގައި އާފިޔާގެ ނަފްސާނީ ޓެސްޓުތައް ހެދި ޑޮކްޓަރު، ޑރ. އައިޝަތު އަލީ ނާޒްގެ ހެކިބަސް ނަގާފައިވެއެވެ.

ޑރ.ނާޒް ވިދާޅުވީ އާފިޔާގެ ނަފްސާނީ މައްސަލަތަކެއް ހުރިކަން ދެނެގަތުމަށް 11 ޓެސްޓެއް ހެދިއިރު އެއިން ކޮންމެ ޓެސްޓެއް ވެސް ދެ ފަހަރަށް ހަދާފައިވާ ކަމަށެވެ. އެ ޓެސްޓްތަކުގެ ނަތީޖާއަށް ބަލާއިރު އާފިޔާގެ ސައިކޯޓިކް ޑިސްއޯޑާއެއް ހުރިކަން އެއްވެސް ޓެސްޓަކުން ދައްކާފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އާފިޔާ އަކީ ރުޅިގަދަ މީހެއް ކަމަށާއި އަދި އޭނާއަކީ ރުޅި އައުމުން ރުޅި ކޮންޓްރޯލް ނުކުރެވުމުގެ އިތުރަށް ރުޅި އަމަލުން ދެއްކުމުގެ ބައި ބޮޑު މީހެއް ކަމަށްވެސް ވިދާޅުވި އެވެ.

ނާޒް ވިދާޅުވީ އާފިޔާގެ ވިސްނުމުގެ ތޫނުފިލިކަން ވެސް ހުރީ އާންމު އާދައިގެ މީހެއްގެ ވިސްނުމާ އެއްވަރަކަށް ކަމަށެވެ. އެހެންކަމުން އިބްތިހާލް މަރުވީ އާފިޔާ ރުޅިވެރި ވިސްނުމުގައި ހުރެ އަމިއްލަ އިހްތިޔާރުގައި އެނގިހުރެ ކޮށްފައިވާ ކަމެއްގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.

އާފިޔާގެ އިތުރުން އިބްތިހާލަށް އަނިޔާތައް ލިބެމުންދިޔަކަން އެނގި ތިބެ، އެކަމަށް އިހުމާލުވި ފުލުހަކާއި ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ މައްޗަށް އިހުމާލުވުމުގެ ދައުވާ ވެސް ދައުލަތުން ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަ

    ދެން ރިސަރިޔަތް ނިންމަން ވެއްޖެއެއްނު

  2. ޕޮފުބާ

    ތީކިހާބޮޑު އަނިޔާއެއްތަ ތިއަނހެންމީހާޔަށް ތިދެނީ ތިކަމެއް ނުނިއްމުނެއްނު މިހާރު ދޫކޮއްލާ