ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ދިޔުމުގެ ހުއްދަ ދިން މައްސަލާގައި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ހިމެނޭ ގޮތަށް ހަތަރު ބޭފުޅަކު ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހާޒިރުކުރުމަށް އެކޮމިޓީން ފާސްކޮށްފިއެވެ.

މި މީހުން ކޮމެޓީގައި ހާޒިރު ކުރަނީ އަދީބު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވާއިރު ފިލައިގެން ނުދާނެކަން ކަށަވަރުކުރުމަށްޓަކައި ކަރެކްޝަނަލް ސާވިސްއިން އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުމަށާއި އެކަމުގައި ހުރި ކަންކަން ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރުމަށެވެ.

ކޮމިޓީގައި މިއަދު 4:00 ޖަހާއިރު އޮންނަ ބައްދަލުވުމަށް ހާޒިރުކޮށް މައުލޫމާތު ސާފްކުރުމަށް، ފާސްކޮށްފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި އިމިގްރޭޝަންގެ ކަމާބެހޭ ބޭފުޅެކެވެ.

އެމްޑީޕީގެ ފަރާތުން މިމައްސަލަ މަޖިލީހަށް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ.

މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ އަދީބަކީ ބޮޑެތި ކުއްތަކެއް ކުރިކަމަށް ކުރިން ޝަރުޢީ ދާއިރާ އިން ނިންމާފައިވާ ބޭފުޅެއް ކަމަށާއި އަދި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ހިމެނޭ ބަޔަކު ރާއްޖެ އިން ބޭރަށް ފޮނުވާލުމުގައި ވެސް އަދީބުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އަފްރާޝީމްގެ މައްސަލައިގައި ހިމެނޭ ބަޔަކު ރާއްޖެ އިން ފުރުވާލަން ވެސް އަދީބު މަދަދުވެރިކަމަށް ތުހުމަތު ކުރެވޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

"މާދަމާ އަކީ މިހުރިހާ ކަމަކުން ބަރީޢަވެ، އަދީބަށް ފުރޭނެ ދުވަސް ކަމަށް ކަނޑައެޅިފައި ވީހިނދު، މިހައި ކުއްލި ގޮތަކަށް ކަރެކްޝަން އިން އޭނާ އަށް ހުއްދަ ދީގެން މިއަދުން މިއަދަށް އޭނާ ފުރަން ތައްޔާރުވެފައިވާ މައްސަލަ އަކީ މިމަޖިލީހުގެ ސަމާލުކަމަށް ގެންނަން ޖެހޭ ވަރު ކަމެއް ކަމަށް އަޅުގަނޑު ދެކެން." މީކާއިލް ވިދާޅުވިއެވެ.

އަދީބު ރާއްޖެ އިން ފުރައިގެން ހިނގައްޖެއްނަމަ އެއީ ރާއްޖެގެ ގައުމީ ސަލާމަތައް ހުރި ނުރައްކަލެއް ކަމަށް މީކާއިލް ވިދާޅުވިއެވެ. ކަރެކްޝަންގެ ވެރިޔާ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީއަށް ހާޒިރުކޮށް، އަދީބު ފިލިޔަ ނުދޭން ކަރެކްޝަނަލް ސާވިސް އިން އަޅާފައި ހުރީ ކޮން ފިޔަވަޅުތަކެއްތޯ ސާފު ކުރަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ އިރު، އެ ދަތުރުގައި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވެސް ދާނެ ކަން ސަރުކާރުން އަންގާފައިވާ ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ރޭ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަބްދުއްލަޠީފު

    ކޮންމެހެން ހުދުކާފޫރަށް ވާން ނެޅޭނެ ކަމެއްނެތް. ތީރޭވިގެން ހިންގާ ޖަރީމާކަން ނޭގޭ ކުޑަކުއްޖަކުވެސް މިހާރު މިރާއްޖެއަކު ނުހުންނާނެ.

  2. ބަރުގޮނު

    އަދީބު ރާއްޖޭން ބޭރަށް ފޮނުވުމުގެ ކަންކަމާ ގުޅިގެން ކަމާބެހޭ މަސްއޫލު ފަރާތްތައް ކޮމެޓީއަށް ޙާޒިރުކުރުން ހަމަރަގަޅު. މިސަރުކާރުން ކޮމިޝަންތައް އުފައްދައިގެން ކުރީގެ ކަންތައްތައްވެސް ބަލަމުން ގެންދާތީ ހިތަށް އަރަނީ ހ.ހާޖަރާގޭ ޢަބްދުﷲ ލުުޠުފީ ޢުމުރު ދުވަހުގެ ޖަލު ޙުކުމެއްގައި ހުއްޓާ ބޭސް ފަރުވާއަށް އޭނާ ބޭރަށް ފޮނުވުމުގައި މަސްއޫލުވާ މީހުން އެއްވެސް ތަނަކަށް ޙާޒިރު ކުރާނެ ބާވަޔޭ. ލުޠުފީ ވަނީ 2008 ގައި ވެރިކަމަށް އެރި އެމް.ޑީ.ޕީ ސަރުކާރު ދުވަސްވަރު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމުން ފިލާފައި.

  3. ޑރ. ޝިފާނާ/ޔޫ.އެސް

    ޑޮކްޓަރ ގެ ބައި ކުޅެނީ ނަޝްފާ. މިއީ ރަނގަޅު ގޮތެއް ނޫން. މިފަދަ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުންނަށް ބޭރު ގައުމުތަކުގައި ހުއްދަ ދެނީ ޑޮކްޓަރުންގެ 12 މެންބަރުންގެ "ސިއްރު" ކޮމެޓީ އަކުން.

  4. ނަބީލާ/ލަންކާ

    12 މީހުން ކަނު ބަނދެގެން ބަޑި ހިފައިގެން އައިމާ ތިޔަ ބަލިކަށި ކަރެކްޝަން މީހުން ޖެހޭނީ އަދީބު ފިލަން ހުއްދަ ދޭން. ބޭރު ކޮންމެ ގައުމަކީ ފެން ފަދައިން ބަޑި ގެންގުޅޭ ގައުމުތައް.

  5. ސަޓޯ

    އޭ މަބުނީ އަނެއްކާ ކާކުބާ މިގަދީބު ރާއްޖެއިން ބޭރަށް ފޮނުވާ ފައުޖަށް ހަރަދު ކުރަނީ... ނިމުނީ ރައްޔިތުންގެ ފައިސާއިން ތިކަންކޮއްފިޔާމުން އެނގޭ.... މިކަލޭގެ ވަގައްނެގި ފައިސާތައް ނުދިންތާނގަ އަނެއްކާ ރައްޔިތުންގެ ފައިސާއިން މިކަލޭގެ ވޯލްޑްޓުއާރ ހަރަދުކުރަންވީ ؟؟