ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމަށް ކުރީގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލު އާ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.

މި ބިލަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދެ ބިލެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ދެ ބިލު ތަސްދީގު ނުކުރައްވައި ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާލާފައެވެ.
ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވާ ބޭފުޅުންނަށް، ދައުލަތުން މަހަކު 35،000ރ. ގެ އިނާޔަތެއް ދޭން ކުރީގެ މަޖިލީހުން ފާސްކުރި އެ ބިލް މަޖިލިހުން ބޭރުކޮށްލީ 74 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ނައިބު ރައީސުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތާއި ގުޅޭ ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އޭދަފުށީ ދާއިރާގެ މެމްބަރ އަޙުމަދު ސަލީމެވެ.

ބިލްގައިވާ ގޮތުން ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އޭނާގެ މައްޗަށް ނިހާއީ ހުކުމެއް އަންނަ ވަގުތުން ފެށިގެން އޭނާ އަށް ބިލުން ލިބޭ އެއްވެސް ރައްކާތެރިކަމާއި އިނާޔަތެއް ނުލިބޭނެ އެވެ.

އޮގަސްޓް 7، 2008 އިން ފެށިގެން އަމަލު ކުރަން ފެށި ގާނޫނުއަސާސީގެ ދަށުން ނައިބު ރައީސް ކަން ކުރި ބޭފުޅަކަށް އިނާޔަތާއި ރައްކާތެރިކަން ލިބޭނެ ކަމަށް ބިލްގައިވެ އެވެ.

ނައިބު ރައީސުންނަށް ދޭ އިނާޔަތާއި ރައްކާތެރިކަން ލިބޭނީ ބިލަށް އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން ކަމަށް ވެސް ސަލީމް ހުށަހެޅުއްވި ބިލަށް ކޮމިޓީން ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަލަގަ

    ހައިރާންހީވޭ، ދެތިންހަތަރުހާސް ރުފިޔާގެ މުސާރަޔަށް ވަޒީފާ އަދާކޮށްކޮށް ކުރަލާފަ ތިބޭ މީހުނަށް އެއްވެސް ޢިނާޔަތެއްނެތް! ބޮޑެތި މާސިންގާ މުސާރަ ނަގައިގެން އަމިއްލަ އެކައުންޓްތައް ފުރި ބަންޑުންދާ ވަރު ވެފަ ތިބި މީހުނަށް އަނެއްކާވެސް ބައިވަރުތައް ލިބެންވީ ދޯ؟

  2. މާމިގިލީ މީހާ

    ބަރާބަރު. ކޮންމެހެން އެއްވެސް އިނާޔަތެއް ދޭކަށް ނުޖެހޭނެ.

  3. ނާރާ

    ބޮލުން ނައްޓާލިކަން ތިއިން އެގެނީ! ތިޔަޢީ އަމިއްލަ އެދުންބޮޑުކަން! ތިމާމެނަށް ހުރިހާ ކަމެއްވެސް! ޢަނިޔާވެރިކަން ނިމުމަކަށް އަންނާނެ!

    2
    2
  4. ސުވާލު

    ރައީސުންނަށް ވެސް ލިބިގެން ނުވާނެ! މިއުޅެނީ ދައުލަތުގަ ފައިސާ ގިނަވެގެންނެއްނޫން!

  5. ނާތަހުޒީބު

    ސާބަހޭ ޖަޒީރާ މެންބަރުން

    3
    2
  6. އަލްޖިބްރާ

    ރައްޔިތުންގެ ފައިސާއިން ބޭކާރު ޚަރަދު ކުރާނެ ކަމެއް ނެތް !