ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށްޓަކައި ހަމައެކަނި ދެވޭނީ އިންޑިޔާއަށް ކަމަށާއި، އެނޫން ޤައުމަަކަށް ދެވޭފަދަ ލިޔުމެއް ދޫކޮށްފައިނުވާނެ ކަމަށް، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަންގެ ފަރާތުން މިހެން ވިދާޅުވީ، އަަހުމަދު އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މައްސަލައިގައި މިހާރު ކުރިއަށްދާ، ޤައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އިމިގްރޭޝަނުން އަދީބަށް ދޫކޮށްފައިވާނީ ވަގުތީ ޓްރެވެލް ޑޮކިއުމަންޓެއް. ހަމަ އެކަނި އިންޑިޔާ އަށް ދެވޭނީ. އެއް އަހަރު ދުވަހަށް ދޫކޮށްފައިވާ ޑޮކިއުމަންޓެއް އެއީ. އެއީ ކަރެކްޝަންގެ ޕެރޯލް ބޯޑުން ދެއްވި ހުއްދައިގެ ދަށުން ދޫކޮށްފައިވާ ލިޔުމެއް." އިމިގްރޭޝަންގެ ވަގުތީ ޒިންމާރުވެރިޔާ، މޫސާ ރަމީޒު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން، ހޯމް މިނިސްޓަރ، ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ، އަދީބާއި އެކު ކަރެކްޝަންގެ ބޭފުޅުން އިންޑިޔާ އަށް ދަތުރު ކުރައްވާނެ ކަމަށާއި، ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށެވެ.

"ކަރެކްޝަނަލް ސާރވިސް ގެ އޮފިސަރުން އަހުމަދު އަދީބާއި އެކު ދަތުރުކުރާނެ. އަދި އެކަމުގައި އިންޑިޔާގެ ކަމާބެހޭ ފަރާތްތަކަށްވެސް ވާނީ އެ މަޢުލޫމާތު ޙިއްސާ ކުރެވިފަ. އެހެންވީމަ، އެކަށީގެންވާ ގޮތެއްގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ތަކެއް އެޅިފައިވާކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ." އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން، އިމްރާން ވިދާޅުވީ، ޖޫން މަހުގެ 26 ވަނަ ދުވަހަކީ އަބީދު ރާއްޖެ ވަޑައިގަންނަވަން ޖެހޭ ދުވަސް ކަމަށާއި، މުއްދަތު އިތުރުކުރުމަށް ޑޮކްޓަރުން ލަފާދެއްވައިފިނަމަ، އެކަންވެސް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން އިދާރަކުރެއްވިއްޔާ ޔަޤީން ކުރަން، މިހާރު ވަނީ ދެކޮޅު ޓިކެޓުވެސް ލިބިފަ. 14 ގައި ފުރާފަ 26 ގައި އެނބުރި އަންނަގޮތަށް ވަނީ ޓިކެޓްވެސް ނެގިފަ. މި ޝެޑިއުލްއާއި އެއްގޮތަށް ދާ ކަމަށްވަނީ ނަމަ، ޑޮކްޓަރުން އިތުރު ލަފައެއް ނުދެއްވާނަމަ، 26 ގައި އެނބުރި އަދީބު ގެނެވޭނެ. އަދި މުއްދަތު އިތުރުކުރުމަށް އެދިއްޖެނަމަ، ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން އެކަންކަންވެސް ހަމަޖެހޭނެ ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ." އިމްރާން ވިދާޅުވިއެވެ.

އަދީބުގެ މައްޗަށްކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމުން ސަލާމަތް ވެފައިވާ ވީ ނަމަވެސް، އަދީބުގެ މައްޗަށް ދައުވާކުރާ ވަރަށް ގިނަ މައްސަލަތައް މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިހާ

    އަދީބު ދެން ނާންނާނެ.ދެންދާނީ ޔޫރަޕު އައް.ތިހިން އަންނަން ދިޔަ ލުތުފީވެސް

  2. ހޮޅުއަށި

    ތިހެން ފޮނުވާ ހުރިހާއެންމެން ވެސް ފޮނުވާނީ މިވެނިގައުމަކަށް ނޫނީ ނުދެވޭނޭ ކިޔާފަ އެކަމަކު ހަރާންވާކަމެއް . ބޮޑައް ވައްތަރީ މަޖިލަސް ގެ ރައީސް ހޮވަން ކުޅުކަހަލަ ޑުރާމާއެއް ކުޅެން އުޅުމާ