އިންސާފު ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅުތަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

 

 

ޑރ. މުހައްމަދު ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، އިންތިގާލީ އިންސާފަކީ ހަމައެކަނި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތުކުރެވޭ ބޮޑުންގެ އެއްޗެއްތޯ ސުވާލު އުފައްދަވައިފައެވެ. އަދި ހޯމް މިނިސްޓަރާއި ފުލުހުން ރައީސަށް ޖަވާބުދާރީވާން ޖެހޭއިރު ހުރި ބާރުތަކުގެ ބޭނުން ނުކޮށް ރައްޔިތުންގެ ފައިސާ އިސްރާފުކުރަން ޖެހޭތޯވެސް ސުވާލު އުފެއްދެވިއެވެ. ޖަމީލު ވަނީ ރައްޔިތުންނާ ގުޅޭ ތަރައްގީއަށް ހަރަދު ނުކޮށް، ދައުލަތް ހިންގުމުގެ ހަރަދު ބޮޑުވުމުން، ވައުދުތަކުގެ ބޭނުމަކީ ކޮބާތޯވެސް ސުވާލު އުފައްދަވައިފައެވެ.

އިންތިގާލީ އިންސާފަކީ ހަމައެކަނި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ބޮޑުންގެ އެއްޗެއްތޯ، ޖަމީލު ސުވާލު އުފެއްދެވި ނަމަވެސް އެއީ ކޮން ބޭފުޅެއްކަން ހާމައެއް ނުކުރައްވައެވެ. ނަމަވެސް ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމްތައް ބާތިލުކޮށް، އެމައްސަލަތައް އަލުން ބަލަން އަމުރުކޮށްފައިވަނިކޮށް މިއަދު އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވަން ނިންމި ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާAhmed

    މިފެންނަނީ ނައިބުރައީސުންނަށް އިނާޔަތު ދިނުމުގެ ބިލް މަޖްލިހުން ބޭރުކޮށްލުމުގެ ނަތީޖާ ދޯ؟

    27
    2
  2. އަލްޖިބްރާ

    ކިތަންމެ ރުޅިއަޔަސް ރައްޔިތުންގެ ފައިސާ ބޭކާރު ގޮތުގައި ތަޅާބުރުއްސާކަށް ސަޕޯރޓެއް ނެތް !

    6
    1
  3. ޙަހަހަހ

    ކަލޭ އަނގަ ނުތެޅިއްޔާ ރަނގަޅީ. ކަލެޔަށް މީކޮންބަޔެއްކަން ނޭނގިގެންތަ ހޭބަލިވެގެނ ތެޅުނީ

  4. މުހަނު

    މިއަދު ވެރިކމުގަައި ތިއްބެވި ފަރާތްތައް ކަންކުރާނެގޮތް މަނިކުފާނަށް އޮޅިވަޑައިގަތުމަކީ ދިވެހިރައްޔިތުންގެ ކުށެއްނޫން.