200 އަށް ވުރެ ގިނަ ޓުއާ އޮޕަރޭޓަރުންނާއި އެކީ މިއަދު ރާއްޖޭގައި ފެށި ޓީޓީއެމް ޓްރެވަލް ސަމިޓް ނިންމާލައިފިއެވެ.

ބަނޑޮސް އައިލޭންޑް ރިސޯޓްގައި މިއަދު ކުރިއަށް ދިޔަ މި ފެއާއަކީ މިހާތަނަށް ރާއްޖޭގައި ތިބި ޓްރެވަލް އެޖެންޓުންނާއި، ޓުއާ އޮޕަރޭޓަރުންނާއި އަދި އެޖެންޓުންނާއެކު ބާއްވާ އެންމެ ބޮޑު ފެއާއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސަމިޓް ފައްޓަވާ ދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

"ޓްރެވެލް ޓެކްނޮލޮޖީ އެންޑް އެނަލިޓިކްސް" މި ޝިއާރުގެ ދަށުން ކުރިއަށް ދިޔަ ސަމިޓް ނިންމާލިއިރު، ރިސޯޓުތަކުގެ އިސް ބޭފުޅުންނާއި ގެސްޓް ހައުސްތަކުގެ އިސްވެރިންނާއެކު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބައްދަލުވުން ތަކެއް މާދަމާގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދާނެއެވެ.

ޓްރެވެލް ދާއިރާގައި މަސައްކަތް ކުރައްވާ ބޭރުގެ ގިނަ ތަޖުރިބާ ކާރުން ސަމިޓްގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ. މީގެ އިތުރުން 140 އަށް ވުރެ ގިނަ ރިސޯޓްތަކުގެ އޮފިޝަލުން ވެސް މި ސަމިޓްގައި ހާޒިރުވެ ވަޑައިގެންފައިވެއެވެ. ސަމިޓްގެ ދަށުން ބާއްވަން ހަމަޖެހިފައިވާ ގާލާ ނައިޓް މާދަމާރޭ ކުރިއަށް ގެންދަން ވަނީ ހަމަޖައްސަވާފައެވެ.

މިއަހަރުގެ ޓީޓީއެމް ސަމިޓް ހާއްސަކޮށްފައިވަނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ފަތުރުވެރިކަން ކުރިއެރުވުމަށެވެ. އެގޮތުން މި ދާއިރާގެ ތަޖުރިބާކާރުން މި ސަމިޓްގައި ވާހަކަ ދައްކަވައި މައުލޫމާތު ހިއްސާކުރައްވާނެއެވެ. އަދި އާޓިފިޝަލް އިންޓޭލިޖެންސް ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ޕްރޮފެސަރު ހަސަން އުގެއިލް ހާއްސަ ޕްރެސެންޓޭޝަނެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.