ރާއްޖޭގެ 22 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައި ދިނުމުގެ ޕައިލެޓް ޕްރޮގްރާމް އިއްޔެ ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕްރޮގްރާމްގައި ހިމެނޭ ސްކޫލްތަކުގެ ކިޔެވުން ފެށޭނީ ހެނދުނު ހައެއް ޖަހާއިރުކަމަށެވެ. ހެނދުނު ހައެއް ޖަހާއިރު ސްކޫލަށް ހާޒިރުވެ ދަރިވަރުން ކަސްރަތާއި ކުޅިވަރުގެ ހަރަކާތްތަކުގައި 1 ގަޑި އިރު ސްކޫލުން ކަނޑައަޅާތަނެއްގައި މުދައްރިސުންގެ ބެލުމުގެ ދަށުން ހޭދަކުރުމަށްފަހު 7 ޖަހާއިރު ގެއަށް ގޮސް އަނބުރާ ސްކޫލަށް 8 ޖަހާއިރު ހާޒިރުވެ ހެނދުނުގެ ނާސްތާ ނިންމާލުމަށް ފަހު ފިލާވަޅު ފެށޭނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ދަރިވަރުންނަކީ ހަމައެކަނި ފޮތުގައި ހުންނަ ފިލާވަޅު ހިތުންދަސްކުރާ ކުދިބަޔަކަށް ހެދުމުގެ ބަދަލުގައި ދިރިއުޅުމަށް ތައްޔާރުވެފައިވާ ހުނަރުވެރި ދަރިވަރުންތަކަކަށް ހެދުމަކީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ މުހިއްމު އެއްކަމެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އަދި ބައެއް ދިރާސާތަކުން ދައްކާގޮތުގައި މަދަރުސާތައް އެއްދަންފަޅިއަށް ހިންގުމުން އެތައް ފައިދާތަކެއް ދަރިވަރުންނަށާއި މަދަރުސާގެ މުވައްޒަފުންނަށް ކުރާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން މަދަރުސާގައިވާ ވަސީލަތްތަކާއި ތަކެތި އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށާއި، ޓައިމްޓޭބަލް ކުރުމުގައި ފަސޭހަވެ، ކަނޑައެޅިފައިވާ މާއްދާތައް ހަމައެކަނި ފޮތުން ކިޔެވުމުގެ ބަދަލުގައި ތަފާތު އިތުރު ޙަރަކާތްތަކުގައި ބައިވެރިވެ ތަފާތު ހުނަރުތައް ތަރައްޤީ ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށެވެ.

އެއްދަންފަޅިއަށް މަދަރުސާތަކުގެ ހިންގުން ބަދަލުކޮށް ދަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުމަށް ކަނޑައަޅައި ފަރުމާ ކޮށްފައިވާ ނިޒާމަކީ، ދަރިވަރުންގެ ފިކުރީ، ޖަޒުބާތީ، އިޖްތިމާޢީ، ޖިސްމާނީ އަދި ރޫހާނީ ކަންކަން ރަނގަޅު ކުރުމަށް އަމާޒު ކޮށްފައިވާ ނިޒާމެއްކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި ދުނިޔޭގެ ތަފާތު ގައުމުތައް ތަޖުރިބާކޮށް އޭގެ ފައިދާތައް ކަށަވަރުކޮށްފައިވާ ހަރުދަނާ ނިޒާމެއްކަމަށްވެސް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހުމަދު687

    އިންޑިޔާ އާއި އެކު ވެވުނު އެޑިއުކޭޝަން އެގްރީމެންޓް ބުނާ ގޮތުން ޘަޤާފަތް ބަދަލުކުރުން، އެގޮތުން ދަރިވަރުން ޔޯގާ އަށް އަހުލުވެރިކުރުވަން ކުރެވޭ ކަމެއް! ނަމަވެސް އެހެން އެކަން ބަޔާންކޮއްފި ނަމަ ރައްޔިތުން ނުރުހޭނެތީ، ފަތިސް ނަމާފުން ކަމަށް މިކިޔަނީ! ފަތިސް ނަމާދަށް ބަންގި ގޮވަނީ 6 ޖަހާއިރަކު ނޫން އެކަމަކު އިރު އަރާ ގަޑިޔަށް ސަން ސެލިއުޓޭޝަން ހަދަން ތިޔަ އުޅެނީ!

    18
    1
    • Anonymous

      ޔޯގާއެއީ ހަރާމް އެއްޗެއް

      3
      1
  2. ހސހސޖ

    ތީބެލެނިވެރިންނަށާ ކުދިންނައް ދޭ އަދަބެއްތަ؟ ބެލެނިވެރިން އެހާ ބުރަކޮން އުޅޭއިރުވެސް ގެއާ ސްކޫލާ ދޭތެރޭ ހިންގުވަން ކުރާ ކަމެއްތަ ތީ. އޮފީސްތަކަށްދާ ބެލެނިވެރިންގެ ހާލަކީ އަދި ކޮބާ؟ ކުރާނެ ކަމެއްނެތިއްޔާ އިސްތިއުފާ ދީފަ ގޮސް ގޭގަ އޮވެބަލަ. ހިންގަން ނޭންގޭތީ ގިނަ އަނގަ އެތަޅުވަނީ.

    23
    1
  3. އައްޓަމަސް

    ތިޔަކަމުން ވާނެފައިދާއެއް ކޮބާ؟! ތީވަކިގޮތަކަށް ބައްޓަންވެފައިވާ މުޖުތަމަޢުތަކުގައި ހަދަމުންދާ ގޮތެއް ފުރަތަމ ސިސްޓަމްގާއިމުކޮއްފައި ތިކަންކުރަންއުޅޭނަމަ ނޫނީވާނީ ކައުންސިލުތަކުން (ސިސްޓަމް ނުވަތަ ބޭނުންވާގޮތުގެ ގާނޫން ނުހަދާ ކައުންސިލުތައްގެނައިމައި) ވީގޮތް! މިކަމުން އަންނާނެ ބަދަލުތަކަކީ:
    1- ބެލެނިވެރިންނަށް ވަރަށްބުރަވާނެ
    2- މުއައްޒިފުންތަކެއްގެ ވަޒީފާގެއްލި މަގުމަތިވާނެ!
    3- ސަރުކާރަށް ޚަރަދުބޮޑުވާނެ (ނާސްތާދޭތީ)
    4- ކަރަންޓުބިލް ކުޑަވެދާނެ
    5- މާލޭގައި މަގުތައް ތޮއްޖެހޭނެ (2ދަންފަޅިއެއްކޮށް މަގަށްނުކުތީމައި)
    6- އޮފީސްތަކުގެ ހިނގުމަށް ބުރޫއަރާނެ (ގިނަމުއައްޒިފުންނަކީ ބެލެނިވެރިންކަމަށްވާތީ)
    7- އެއްދަންފަޅިޔަށް ކިޔަވައިދޭނެ ޖާގަޔެއްނުހުންނާނެ ސްކޫލުތަކަކު؟!

    6
    1
  4. Anonymous

    ފަތިހު ފަތިސް ނަމާދުކޮށްގެން ސައިބޮއެގެން ކިޔެވުން ފެށިއްޔާ މާރީތިވާނެ. ހަވީރު ކުޅެން ވަގުތު އޮންނާނެ ކޮންމެ ކުއްޖަކަށްވެސް. ތި ޔޯގާއެއް ރާއްޖޭގަ ޖެއްސިގެން ނުވާނެ ދޯ މީ މުސްލިމުން ވިއްޔަ

    9
    1
    • ނޫސްކިޔާމީހާ

      މިނިސްޓަރ މިކަންކަން 1 ދުވަހު ކޮށްލަބަލަ. ދަރިން 6 ޖަހާއިރު ސްކޫލަށް ގެންގޮސްސަ 7ޖަހާއިރު ބަލާގޮސްސަ 8ޖަހާއިރަށް ދަރިން ސްކޫލަށް ގެންގޮސްސަ އަދި އޮފީހަށް ދާނީ މެންދުރަށް ކައްކާފަ ފިރިމީޙާށް ސައިވެސްދީފަ .މިނިސްޓަރ 8 ޖަހާއިރަށް ހިގާފަ އޮފީހަށް ދެވޭނެބާ ؟ ހުރިހާތާކަށްވެސް ދާނީ ހިގާފަ.