ދަރުމަވަންތަ ހޮސްޕިޓަލާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިޔާ އަށް ދިނުމަށް ނިންމާފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ދޮގު ވިދާޅުވީ ރާއްޖެ އަށް އަހަރަކު މިލިއަނެއްހާ ޓޫރިސްޓުން އަންނަ ކަމަށެވެ.

" ރާއްޖޭގެ އެއްވެސް ތަނެއް އިންޑިޔާ އަށް ދިނުމަށް ނިންމާފައިނުވޭ އެފަދަ އެއްބަސްވުމެއް ވެސް ނެތް ޗުއްޓީ ހޭދަކޮށްލަން ޖީއެމްއާރްގެ މީހަކު ވެސް ރާއްޖެ އަތުވެދާނެ" ހޫދު ވިދާޅުވިއެވެ.

ވެލާނާ އެއާޕޯޓުގައި އިންޑިއާގެ ޖީއެމްއާރްގެ ޓީމެއް ހަރަކާތްތެރިވާ ފޮޓޯތަކެއް ދާދިފަހުން އާއްމުވިއިރު، ހޫދު ވިދާޅުވީ ރާއްޖޭގެ އެއްވެސް ތަނެއް އިންޑިޔާއަށް ދިނުމަށް ނިންމާފައިނުވާ ކަމަށާއި އެފަދަ އެއްބަސްވުމެއް ވެސް ނެތް ކަމަށެވެ.

ހޫދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ތަނެއް ހޯދަން ވެސް ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގައި ވެސް ވިދާޅުވެފައެއް ނެތް ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލް ދޭކަށް ވެސް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި 2010 ވަނަ އަހަރުގެ ޖޫން މަހުގެ 28ވަނަ ދުވަހު އޭރުގެ އިބްރާޙީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓު އަދި މިހާރުގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ޖީއެމްއާރަށް ދިން ނަމަވެސް 2012ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޖީއެމްއާރުގެ އެއްބަސްވުން ވަނީ އުވާލައިފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖީއެމްއާރުގެ އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމުމުން ޔާމީންގެ ވެރިކަމުގައި ވަނީ އެ ފައިސާ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޖޭ ޑީޑީ

    އެހެންވީމަ ދެން ކޮންތަނެއް ދޭގޮތަށް އެމީހުން ޙަރަދު އެކުރަނީ ކެންޕޭނުތަކަށް

  2. ހުސޭނުބޭ

    އެހެންވިއްޔާ އެއަރޕޯޓާއި ހޮސްޕިޓަލް ފިޔަވާ ދެން ހުންނަ ހުރިހައި އެއްޗެއްވެސް އޮންނާނީ ދޭން ނިންމާފައި! އޭގެ ތެރޭގައި އަދެގެން ހުރި ފޮށައިގަނޑުވެސް ހިމެނޭނެ!

  3. Anonymous

    ހަމަތެދެއް؟ އެނގިދާނެތާ