މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަހްމަދު އަލީ މިއަދު އައްޔަން ކުރައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި އަހްމަދު އަލީ މަގާމަށް އައްޔަން ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީގެ ހާޒިރުގައެވެ. ޕަރމަނަންޓް ސެކްރެޓަރީ ކޮމިޝަނުގެ ފަރާތުން އައްޔަނުކުރެއްވެވީ ކޮމިޝަނުގެ ނައިބު ރައީސް ޝަހީދު މުޙައްމަދެވެ.

އަހްމަދު އަލީ ވަނީ 2000 ވަނަ އަހަރު އޯލެވެލް ނިންމުމަށްފަހު ވަގުތީ ޓީޗަރެއްގެ ވަޒީފާ އަދާކުރަން ފެށި ހިސާބުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ދައުލަތުގެ އެކި ވަޒީފާތަކުގައި މަސައްކަތްކޮށްފައެވެ. އޭނާ ވަނީ ސަރުކާރަށް އެކި ވަޒީފާތަކުގައި 10 އަހަރު ޙިދުމަތްކުރައްވާފައެވެ.

އަހްމަދު އަލީ އަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން އިން ބެޗްލަރ އޮފް ޓީޗިންގް ސެކަންޑަރީ (ހިސާބު އަދި ކެމިސްޓްރީ އިން) ފުރިހަމަކޮށްފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ 2008 ވަނަ އަހަރު އިންޑިއާގެ މައިސޫރު ޔުނިވަރސިޓީ އިން މާސްޓަރ އޮފް އެޑިޔުކޭޝަން އިން ސްކޫލް މެނޭޖްމަންޓް ޙާޞިލްކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނުގެ ނައިބު ރައީސް އެދިވަޑައިގަތީ ސިވިލް ސަރވިސްގެ ގަވާއިދާއި އެއްގޮތަށް އަދި މިނިސްޓަރުގެ ލަފަޔާއެކު މިނިސްޓްރީގެ މަސައްކަތްތައް ހިންގަވާ ދެއްވުމަށެވެ.

މީގެ އިތުރުންވެސް އޮފީސް ހިންގެވުމުގައި ސިވިލް ސާރވިސްގެ އެންމެހާއި މުވައްޒަފުންނާއި ގުޅިގެން އެކީގައި މިނިސްޓްރީ އަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އިޙްތިސޯސް އާއި ސިޔާސަތު ތަންފީޒުކޮށް ދެއްވުމުގައި ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއިއެކު މަސައްކަތް ކޮށްދެއްވުމަށްވެސް ކޮމިޝަނުގެ ނައިބު ރައީސް ވަނީ އެދިވަޑައިގެންނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާއަައްޑޫ

    ކޮބާތަ ޖެންޑާ. ދަރިވަރަކާ ބެހިގެން ޕްރިންސިޕަލުކަމުން ވަކިކުރީ.

    4
    1
  2. ާއަައްޑޫ

    ޥަގުތު ނޫހުން އެޑިޔުކޭޝަންގެ ޕީއެސް އާއި ގުޅުއްވަގެން ސ.ހިތަދޫ ނޮވެންބަރުގޭ އަހުމަދު އަލީ އެޑިޔުކޭޝަން ވަޒީފާއިން ވަކިކުރިގޮތް ސާފުކޮަށްދެއްވުން އެދެން ކިޔުންތެރިންނަށް. ޢަދި ސީއެސްސީ އާވެސް މި ސުވާލުކޮށްލައްވާ ހެދޭނެހެދޭ ވާނުވާ އެގޭތޯ.