ވޭތުވެދިޔަ އަހަރުތަކުގެ ޖަނަވަރީ އިން މޭއި މަހާ އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީ އިން މޭއި މަހުގެ ތެރޭގައި ޑެންގީ ހުން ގިނަކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ރިޕޯޓުން ދައްކައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ އިން ފެށިގެން މާޗް މަހުގެ ނިޔަލަށް 2474 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ޗިކުންގުންޔާގެ ޖެހިގެން މިއަހަރުގެ މިހާތަނަށް 1208 މީހަކު ވަނީ ރިޕޯޓުކޮށްފައި ކަމަށެވެ.

މިއަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާ އިރު މޭ މަހު ޗިކަންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް އޭޖެންސީ އިން ބުނެފައިވެއެވެ.

އެހެންކަމުން ޑެންގީ އާއި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ސަމާލުވުމަށް ކުރަންޖެހޭ އެންމެހާ ކަންތަށް ކުރުމަށް އެ އޭޖެންސީ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ބަލި ޖެހިއްޖެ ހާލަތެއްގައި ގޭގައި އަމަލު ކުރަންވީ ގޮތްވެސް ވަނީ ބުނެދީފައެވެ. އެގޮތުން ގިނަގިނައިން ދިޔާ އެއްޗިހި ބޭނުން ކުރުމާއި އަރާމު ކުރުން ހިމެނެއެވެ. އަރާމު ކުރުމުގެ ސަބަބުން ބަލިން ފަސޭހަވުން އަވަސް ވުމާއި އެކު ބަލި ފެތުރުން ކޮންޓްރޯލް ކޮށްދޭނެއެވެ.