ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ބާރަށް ކުރިއަށްގެންދަން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، އެ ކޮމެޓީ ތަކުގެ މުޣައްރިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތުގެ ތެރެއިން، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމަކާއި، ޖުޑީޝިއަރީ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ވެސް ވަނީ ބާއްވާފައެވެ.ހަމަ އެހެންމެ، ޖުޑީޝިއަރީ ކޮމިޓީގެ ބައްދަލުވުމެއް މިރޭ ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުން ހާޒިރު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި ބައްދަލުވުން ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ، ޖޭއެސްސީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު ސާފުކުރުމަށާއި، ކުރީގެ ނައިބު ރައީސް އަހުމަދު ކޯޓުން ދޫކޮށްލުމުން ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމުގެ މައްސަލައާ ގުޅިގެން ކޮމިޓީން އިތުރަށް ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުން ކަމަށް ވަނީ މަޢުލޫމާތު ދެއްވާފައެވެ.