ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެ، ރާއްޖޭގެ ދެކުނުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން މީހެއްގެ މައްޗަށް ކުރި 15 އަހަރުގެ ޖަލު ހުކުމެއް، ހައި ކޯޓުން ބާޠިލް ކޮށްފިއެވެ.

މި ޙުކުމަކީ 2017 ވަނަ އަހަރު ކޮށްފައިވާ ހުކުމެކެވެ. މި ޚުކުމް ހައި ކޯޓުން ބާޠިލް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. .

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގައިފި މީހެއްގެ ކުށް ސާބިތުކުރުމަށް އެ ގާނޫނުގެ 47 ވަނަ މާއްދާގައި ބުނާ 12 ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތުގެ ހެކި ހުރެއްޖެނަމަ މައްސަލަ ސާބިތުވާނެ ކަމަށެވެ.

އެހެން ނަމަވެސް، ޖިންސީ އަނިޔާ ލިބުނު ކުއްޖާ ދައްކާ ވާހަކަތެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާއި ހެކި ތަކަކީ، ވަކި ވަކި ހެކީގެ ގޮތުގައި ނުބެލެވޭނެކަމަށް 2016 ވަނަ އަހަރު ހައިކޯޓުން ކުރި ހުކުމެއްގައި އޮތީ ކަނޑައަޅާފައެވެ. އެކަން ހައިކޯޓުގެ މި މައްސަލައިގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ޕްރޮސެކިއުޓާރ ޖެނެރަލްގެ ފަރާތުންވެސް ގިނަ ހެކިތަކެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި، ކުއްޖާ ފުލުހަށް ދިން ބަޔާނާއި، ކުއްޖާގެ މަންމަގެ ނަމާއި، ކުއްޖާއާ ބެހުނުކަމަށް ބުނާ މީހާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ނަމާއި، ލ. އަތޮޅު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރުގެ ރިޕޯޓުގެ އިތުރުން، ލ. އަތޮޅު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރުގެ ރިޕޯޓު ތައްޔާރުކުރި ފަރާތުގެ ނަން ވެސް ވަނީ ހުށަހަޅާފައެވެ.

ނަމަވެސް އެ މައްސަލަ ބާޠިލް ކުރި ހައިކޯޓުގެ ހުކުމުގައި ވިދާޅިވެފައިވަނީ، އެ ކުއްޖާގެ މެޑިކޯ ލީގަލް ކޭސް ރިޕޯޓުން ކުއްޖާގެ ޖިންސީ ހާނިއްކައިގެ ނިޝާނެއް ފެންނަން ނެތް ކަމަށާއި، ނަމަވެސް، ކުއްޖާގެ ކުރިމަތި ފަރާތުގައި ޖަރާސީމު އުފެދުންކަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އެ ކުއްޖާ އާއި ވެސް ވަނީ ސުވާލުކޮށްފައެވެ. އެއީ ޕީޖީއިން ހުށަހެޅި ހެކީގެ ތެރެއިން ކުއްޖާގެ ބަޔާންތައް ހިމެނޭ އޯޑިއޯ އަދި ވީޑިއޯ ފައިލުތައް ފަހުން ހުޅުވޭ ގޮތް ނުވުމުންނެވެ. ނަމަވެސް ކުއްޖާގެ ވާހަކަތައްވެސް ދެފަހަރު ދެ ގޮތަށް ބަދަލުވެފައިވާ ކަންވެސް ހައިކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ކުއްޖާގެ ދޮންބައްޕަ ކުއްޖާގެ ގައިގައި ބެއްދުން ފިޔަވައި އެހެން ކަމެއް ކުރި ކަމަަށް އެ ބަޔާނަށް ކިޔައިދީފައި ނުވާ ކަމަށް ހުކުމުގައިވެއެވެ.

އެހެންކަމުން، ކުއްޖާގެ ވާހަކަތަކާމެދު ސުވާލު އުފެދޭކަމަށް ހުކުމުގައިވެއެވެ.

މި މައްސަލަ ބެއްލަވާފައިވަނީ، ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި، ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު އަލީ ސަމީރެވެ. މި މައްސަލަ ނިންމާފައިވަނީ މި ތިން ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސީނު

    ރައްޔިތުންނާ ހަވާލުކޮށްލާ.....

    14
  2. އަޅޭ ނަން ހާމަ ކޮއްބަލަ!

    ތުހުމަތަކަސް ރެޑް ހޭންޑް ކޮށް ހިފިޔަސް، ހެކި ހުރެގެން ސާބިތުވިޔަސް ފޮޓޯޔާ، ނަމާ އަތޮޅާ އުމުރާ ހާމަކުރަންޖެހޭގޮތަށް އަޅެ ގާނޫނުތަށް ހަދާބަލަ. އެ ސާބިތު ނުވެއްޖެއްޔާ އެ ނިމުނީނު. މިހާރު ނޯވޭ އެއްވެސް މީހެއްގެ އަބުރެއް އިއްޒަތެއް. ފާހިޝް ކަމަކަށް ނާރާ މީހެއްގެ އަބުރު ނުގެއްލޭނެ އިރާދަކުރެއްވިއްޔާ!!
    ތީ ގދ. މަޑަވެލީ ކޭސް ތަ ނޫނީ ތިނަދޫ ކޭސް ތަ؟