ފުވައްމުލަކު ތުނޑި ކައިރިން މޫދަށް އެރި އުޅުނު މީހަކު އޮޔާ ބޭރަށް ދަމައިގެންފައި ވަނިކޮށް ސަލާމަތްކޮށްފިއެވެ.

މަންޒަރުދުށް މީހަކާއި ހަވާލާދީ "ވީނިއުސް" އިން ބުނީ، މިއަދު ހެނދުނު މޫަދަށް އެރި އުޅެނިކޮށް އޮޔާ ބޭރަށް ދަމައިގެންފައި ވަނީ އުމުރުން 22 އަހަރުގެ ޒުވާނެއް ކަމަށެވެ.

އޭނާ ސަލާމަތްކުރީ އެވަގުތު އެސަރަހައްދުގައި ރާޅާ އަޅަންގޮސް އުޅުނު ދެމީހަކާއި އެއްގަމުގައި ހުރި އިތުރު މީހަކު ގުޅިގެން ކަމަށް ވެސް އެނޫހުގައި ބުނެފައި ވެއެވެ.

މިހާދިސާގައި އޭނާއަށް ގެއްލުމެއް ނުލިބެއެވެ.

އޭނާ ސަލާމަތްކުރީ، ފުވައްމުލަކުގެ ގޮނޑުދޮށުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ، ފައިސަލް ފައުންޑޭޝަނުން ހަދިޔާކޮށް ބަހައްޓައިދީފާއިވާ ލައިފްބޯއި ރިންގު ބޭނުންކޮށްގެންނެވެ.

މިއަދުގެ ހާދިސާގައި ސަލާމަތް ކުރެވުނު މީހާއަކީ، ލައިފްބޯއި ރިންގުތަށް ބޭނުންކޮށްގެން ފުރާނަ ސަލާމަތް ކުރެވުނު 7 ވަނަ މީހާ ކަމަށް "ވީނިއުސް" ގައި ބުނެފައި ވެއެވެ. މީގެ ކުރިން 2018 ވަނަ އަހަރުގެ ތެރޭގައި ހިނގި އެފަދަ ހާދިސާއެއްގައި އޮޔާ ދަމައިގަތް ފަސްމީހަކު ލައިފްބޯއި ރިންގުތައް ބޭނުންކޮށްގެން ސަލާމަތްކޮށްފައި ވެއެވެ.

ފުވައްމުލަކަކީ ވަށައިގެން ކަނޑު އޮންނަ ރަށަކަށް ވާތީ އެރަށުގެ ބައެއް ސަރަހައްދުތަކަށް މޫދަށް އެރި އުޅުމަކީ ބައެއް މޫސުންތަކުގައި ރައްކާތެރި ކަމެއް ނޫނެވެ.