ނިރުބުވެރި ހަމަލާއެއް ރާއްޖޭގައި ދީފާނެ ކަމަށް ލަފާކޮށް ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މެއި މަހުގެ ދެ ވަނަ ދުވަހު ނެރުނު ލަފާ އަދިވެސް އެގޮތުގައި ދަމަހައްޓައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ރާއްޖެ އާއި ބެހޭ ގޮތުން ނެރުނު ޓްރެވަލް އެޑްވައިޒަރީ އަށް މިހާރު 44 ދުވަސް ވީއިރު އަދިވެސް ޓްރެވަލް އެޑްވައިޒަރީ އުވާލާފައި ނުވާކަން ސްޓޭޓް ޑިޕާޓްމެންޓްގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

ރާއްޖެ އަށް ނިރުބަވެރި ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރާއި އެކު އެމެރިކާ އިން ޓްރެވަލް އެޑްވައިޒަރީ ނެރުނީ އޭޕްރިލް މަހު ސްރީލަންކާގައި ދިން ހަމަލާ އާއި ގުޅިގެންނެވެ. ފުރަތަމަ ރާއްޖެ އާއި ބެހޭ ގޮތުން އެމެރިކާ އިން ނެރުނީ ތިން ވަނަ ދަރަޖައިގެ އިންޒާރެއް ނަމަވެސް މިހާރު ވަނީ ދެވަނަ ދަރަޖައަށް އިންޒާރުގެ ލެވެލް ދަށްކޮށްފައެވެ.

ނަމަވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ވެބްސައިޓް ބުނާ ގޮތުގައި ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވާން ޖެހެނީ ނިރުބަވެރި ހަމަލާއެއްގެ ނުރައްކާ ރާއްޖެއަށް އަދިވެސް އޮތުމުންނެވެ. އިންޒާރަކާއި އެކު ނުވަތަ އެއްވެސް އިންޒާރެއް ދިނުމެއް ނެތި ވެސް ނިރުބަވެރި ހަމަލާއެއް ރާއްޖޭގައި ދީފާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ވެބްސައިޓްގައި ބުނެފައިވެއެވެ.

ރާއްޖެއަށް ދަތުރުކުރާ އެމެރިކާ ރައްޔިތުން މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމަށާއި ކުއްލި ހާލަތްތަކުގައި ދިމާވެދާނެ ކަމަކަށް ތައްޔާރުވެ ތިބުމަށް ވަނީ ލަފާ ދީފައެވެ. އަދި ހާދިސާއެއް ހިނގައިފިނަމަ ފަސޭހައިން މައުލޫމާތު ލިބޭނެ ގޮތަކަށް ތައްޔާރުވެ ތިބުމަށް ވެސް ވަނީ ލަފާ ދީފައެވެ.

އެމެރިކާ ރައްޔިތުންގެ އިތުރުން އެހެން ގައުމުތަކުގެ ރައްޔިތުން ވެސް ގައުމުތަކަށް ދަތުރު ކުރުމުގެ ކުރިން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ލަފައެއް އެގައުމަށް ދަތުރު ކުރުމާއި ބެހޭ ގޮތުން އޮތްތޯ ބަލައެވެ. އެހެންކަމުން އެމެރިކާ އިން ރާއްޖެ އާއި ބެހޭ ގޮތުން ނެރެފައިފާ ޓްރެވަލް އެޑްވައިޒަރީ ދަމަހައްޓާނަމަ އެކަމުގެ ގެއްލުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރުމުގެ ފުރުސަތު ބޮޑެވެ.

ސްރީލަންކާގައި ދިން ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަ ކުރިއެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނެފައި ވަނީ ރާއްޖެއަށް ވަކިން ބޮޑު ނުރައްކަލެއް ނެތެވެ.