ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިރޭވެސް ރާއްޖޭގެ އެކި ރަށްރަށަށް އުދައަރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދަރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިރޭ ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށަށް މިރޭވެސް އުދަރާފާނެެ ކަމަށާއި، އުދަރާނެ ކަމަށް ބެލެވެނީ މިރޭ 12:00 ހާއިރުކަމަށެވެ. އަދި މާލެއަށް މިރޭ 11:30 ހާއިރު ދިޔަވަރުބޮޑުވާނެ ކަމަށާއި، އެގަޑީގައި މާލެއަށް އުދައަރާފާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

މިދިޔަ ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަަކަށް ވަނީ އުދަ އަރާފައެވެ. އަދި މިއަދު މާލެއަށް ވަރަށް ބޮޑަށް އުދަ އަރާ ފެންބޮޑުވެސް ވެފައި ވެއެވެ.

ކުރިއަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސްެ މޫސުން އާންމުގޮތެއްގައި ރަނގަޅު ވާނެކަމަށްވެސް މައުލޫމާތު ދެެއެވެ.