ދިވެހި ރާއްޖޭގައި ޢަމަލުކުރަމުންދާ ޖިނާއީ ޢަދުލުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ދެމެހެއްޓޭނީ، ކަންކަމުގައި ޢަދުލު އިންސާފު ޤާއިމުވެގެންދާ މަންޒަރު ރައްޔިތުންނަށް ފެނިގެން ކަމަށް، ޕްރޮސިކިއުޓަރ ޖެނަރަލް ޢާއިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ބިޝާމް މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަފަހައްރަށް ބާއްވާ "ޕްރޮސިކިއުޓަރުންގެ މަހާސިންތާ 2019" ފައްޓަވައި ދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

"މީގެ 2 އަހަރެއްހާ ދުވަސްކުރިން ރާއްޖޭގައި ފުރަތަމަފަހަށް ޤާނޫނަކުން ލާޒިމްކުރާ ޖިނާޢީ އިޖުރާޢަތަކަށް އަމަލުކުރަން ފެށި. ނަމަވެސް އަދިވެސް ކަމާއި ގުޅުންހުރި ދައުލަތުގެ މުއައްސަސާތައް މިގެނެވުނު ބަދަލުތަކަށް ބީރައްޓެހިކަން ފާހަގަކުރެވޭ. މަލްޓި ސްޓޭކްހޯލްޑަރ މަހާސިންތާއެއްގެ ފެށުން އަޅުގަނޑުމެން މިއަދު ފާހަގަކުރާއިރު، އަޅުގަނޑު ދެކޭގޮތުގައި މިދަންނަވާ ބަދަލުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ މި ނިޒާމުގެތެރޭގައި ހިމެނޭ މުއައްސަސާތަކަށް." ބިޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން ބިޝާމް ވިދާޅުވީ، ޢަދުލުގެ ނިޒާމު ފުރިހަމަ ކުރުމުގައި ޕީޖީގެ ދަޢުރު ވަރަށް ބޮޑު ކަމަށާއި، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމުގެ އެންމެ ބޮޑު ޒިންމާވެސް ހަވާލުވެފައިވާ ފަރާތަކީ އެއީ ކަމަށެވެ.

"މިޤާނޫނުތައް ތަންފީޒުކުރުމައްޓަކައި ބައެއް މުއައްސަސާތަކުން އެކުލަވާލަންޖެހޭ ޤާވާއިދުތައް މިއަދާ ހަމައަށް އައިއިރުވެސް އެކުލަވާލާފައި ނުވާކަމީ އަޅުގަނޑު ކަންބޮޑުވާކަމެއް. އޭގެ ނޭދެވޭ އަސަރު މުޅި ނިޒާމައަށް އަންނަނީ ކުރަމުން. އެހެންކަމުން ޖިނާޢީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ގިނަ މުއައްސަސާތަކުގެ އިސްވެރިން މިތަނުގައި ތިއްބެވުމާއެކު، އަޅުގަނޑު އިލްތިމާސްކުރަން ބޭނުން މި ނިޒާމް ފުރިހަމަކުރުމަށްޓަކައި ވުޖޫދަށް ގެންނަންޖެހޭ ޤަވާއިދުތައް ހަދައި ފުރިހަމަކުރުމަށް. އަދި ތައާރުޒުވާ ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް އަވަސްކުރަންޖެހޭކަމަށްވެސް އަޅުގަނޑުދެކެން" ޕީޖީ ބިޝާމް ވިދާޅުވިއެވެ.

ހަމައެހެންމެ، ޖިނާޢީ މައްސަލަތައް ޕްރޮސިކިއުޓް ކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުމުގެ ކަންކަން އެ އޮފީހުން ކޮންމެދުވަހަކުވެސް ކުރައްވާކަމަށާއި ޤާނޫނުތައް ތަންފީޒުކުރުމައްތަކާއި ބައެއް މުއައްސަސާތަކުން އެކުލަވާލަންޖެގޭ ޤަވާއިދުތައް މިއާދާ ހަމައަށް އައިރުވެސް އެކުލަވާލާފައި ނުވާތީ ކަންބޮޑުވާ ކަމަށާއި، ޖިނާޢީ ޢަދުލުގެ ނިޒާމު ފުރިހަމަކުރުމަށް ވުޖޫދަށް ގެންނަންޖެހޭ ޤަވާޢިދުތައް ވީހާވެސް އަވަހަށް ހަދައި ފުރިހަމަކުރުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކަށް ގޮވާލައްވާކަމަށެވެ.

ބިޝާމް މިހެން ވިދާޅުވެފައިވާ އިރު، ރާއްޖޭގެ ޝަރުޢީ ދާއިރާ އާއި ގުޅޭގޮތުން އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން، ޖޭއެސްސީ އާއި ސުޕްރީމް ކޯޓާއި ދޭތެރޭވެސް ގިނަ ޚިޔާލުތަފާތު ވުންތަކެއް ވަނީ ކުރިމަތިވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަމާލު

    ޢެހެންތަ ހަމަތެދެއްތަ މިއިނގުނީ އަދިކިރިޔާ

  2. އައްޑޫ މީހާ

    ހަހަހަ ކިހިނެއް ހިނިއަންނީ ދައްތަ ތިކަހަލަ ވާހަކަ ބުނަނީމަ ސަކަރަ ވައްތަރު ވާހަކަ ނުދައްކާ މަޑުން ހުންނަނީމަ އޯކޭވަނީ

  3. ކިނިކްސް

    ޖިނާއީ އަދުލުގެ ނިޒާމަށް އެންމެ މުހިންމީ އިންސާފުން މައްސަލަ ނިންމުން.

  4. ޖެނެޓްޖެކްޝަން

    އެހެންވެ ތޯ އެއިރެއްގައި ހުންނަ ވެރިޔަކު އަމުރުކުރާ ގޮތަށްކަށް މައްސަތަށް ތަރުތީބު ކުރަނީ ؟ މާދަމާ މަހްޝަރުގެ މައިދާނުގައި ކަމަނާ ޖަވާބު ދާރީވާންޖެހޭނެ އިންޝާﷲ