ޖުލައި މަސް ނިމުމުގެ ކުރިން ޓެކްސީތަކުގައި މީޓަރު ބޭނުންކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މީޓަރުގެ ގޮތުގައި ޓެކްސީތަކުން ބޭނުންކުރަން ހަމަޖައްސާފައި ވަނީ މޮބައިލް އެޕްލިކޭޝަނެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވިދާޅުވީ ޓެކްސީ ހިދުމަތަށް ބޭނުންކުރާނެ އެޕްލިކޭޝަން ހަދަން ޕްރޮޕޯސަލް ހުށަހަޅަން މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި އެ މުއްދަތު ހަމަވުމުން ޕްރޮޕޯސަލްތައް ބަލައި ރަނގަޅު އެޕްލިކޭޝަނެއް ހޮވާނެ ކަމަށެވެ.

މިނިސްޓްރީން މިހާރު ވަނީ ޓެކްސީ މީޓަރުގެ އަގުތައް ވެސް ކަނޑައަޅައިފަ އެވެ. ރޯދައިގެ ފަހުން އަގުތައް އިއުލާނުކުރަން ކުރިން ނިންމާފައި އޮތް ނަމަވެސް މިއަދު މިނިސްޓްރީ އިން ވިދާޅުވީ އަގުތައް އިއުލާން ކުރާނީ އެޕްލިކޭޝަންގެ މައުލޫމާތުތަކާއެކު އަންނަ މަހު ކަމަށެވެ.

މޯބައިލް އެޕްލިކޭޝަންތައް ބޭނުން ކޮށް ޓެކްސީ ބުކް ކުރެވޭނެ ޚިދުމަތާއި މީޓަރެއްގެ ގޮތުގައި މޯބައިލް އެޕްލިކޭޝަނެއް ބޭނުން ކުރެވޭ ގޮތް ހެދުމަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކާއި ރާއްޖެ އާއި އަވައްޓެރި ބައެއް ގައުމުތަކުގައި މިހާރު ވެސް ކުރަމުން އަންނަ ކަމެކެވެ.

މޯބައިލް ފޯން ބޭނުން ކޮށްގެން ޓެކްސީގެ ޚިދުމަތް ހޯދޭނެ ބައެއް އެޕްލިކޭޝަންތައް ރާއްޖޭގައި ވެސް މިހާރު ބޭނުން ކުރަމުން ގެންދެއެވެ. ނަމަވެސް އެއީ އަދި އަމިއްލަ ފަރާތްތަކުން ސަރުކާރުގެ ބައިވެރިވުމެއް ނެތި ބޭނުން ކުރާ އެޕްލިކޭޝަންތަކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޓާކުރޭ

  ޓުރާންސްޕޯރޓް މިނިސްޓަރު އަބަދު ހެލުމެޓް އަޅައިގެން ގައިގަމީޓަރ ހަރުކޮއްގެން އުޅުމައް ނަސޭހަތްތެރިވަން..

  19
  4
 2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ތީ އެއްވެސް ކަމެއްވާ މިނިސްޓަރެއްނޫން. ދުވަހަކުވެސް ބުނާ ތާރީހަަށް އެބުނާކަމެއް ރައްޔިތުނަނަކަށް ހާމައެއް ނުކުރެވޭ. މީނަގެ ދައްކާފަހުރި ވާހަކަތައް އަމިއްލަޔަށް ވިސްނާލީމަ މިކަން ޔަގީންކުރެވޭނެ.

 3. ހާސްބައި

  ފުރަތަމައިނޫން ލައިސަންސް ނެގޭގޮތް ފަސޭހަކޮށްދޭންވީ ނޫންތޯ. މިހާރު އަމިއްލައަށް ލައިސަންސް ނަގަން އުޅޭ މީހާ ބޮޑު ހަލާކެއްގެ ތެރެއަށް ވަށްޓާލަނީ. ރިޝްވަތާއި، މަކަރާއި ހީލަތުން އަނެކާއަށް އަމަލު ކުރާ މީހާއަށް އިންޝާﷲ އަދި ޢަޒާބު ލިބޭނެ ދުވަހެއް އަންނާނެކަން ހަދުމަކުރެއްވުން އެދެން.