ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގެ ތިން ފްލެޓެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ހޯދައި ކުޑަކުއްޖަކާއި މެދު އުމުރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ފިރިހެނަކާއި 18 އަހަރުންދަށުގެ ފިރިހެން ކުއްޖެކެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭގައި ތިން ފްލެޓެއްގައި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ތަކުރާރުކޮށް ފުލުހުންނަށް ލިބެމުންދިޔަ މަޢުލޫމާތުތަކާއި ގުޅިގެން ޖޫން 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ތިން ފްލެޓެއް ބަލައިފާސްކޮށްފައިވާއިރު އޭގެތެރެއިން ދެ ފްލެޓަކުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ކުޑަކުއްޖާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެކުއްޖާ ދިރިއުޅެމުންދާ ފްލެޓުންނެވެ. ފުލުހުން އޭނާ ހުއްޓުވައި ބެލެނިވެރިންގެ ހާޟިރުގައި އޭނާއާ ސުވާލުކުރުމުން އެގޭ ދެ ފާޚާނާގެ ސީލިންގގައި މަސްތުވާތަކެތި ފޮރުވާފައިކަމަށް ބުނެ އެތަކެތި ފުލުހުންނަށް ދައްކާފައިވާކަމަށާއި ދެ ފާޚާނާ ބަލައިފާސްކުރިއިރު ސީލިންގ ފިލާގަނޑު މަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 251 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެއް ފްލެޓުގެ ތެރެއިން 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވާއިރު، އޭނާ ވަނީ ފުލުހުން އެފްލެޓަށް ވަނުމާއެކު ފާޚާނާއަށްވަދެ، އެއްޗެއް ފްލޭޝްކޮށްލާފައެވެ. އއެޗްޑީސީގެ އެހީތެރިކަމާއެކު ފާޚާނާ ޖަންކްޝަން މަތިގަނޑު ނަގައި ބެލިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން އެފްލެޓް ބަލައިފާސްކުރިއިރު އެފްލެޓްގެ ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. އަދި އެފްލެޓްގެ ކުޑަދޮރެއް ހުޅުވާފައި ހުރުމުން އެދިމާއިން އެއްޗެއް އުކާލާފައިހުރެދާނެކަމަށް ބެލެވިގެން އެފްލެޓާ ޖެހިގެންހުރި ފްލެޓްގެ ބޭރުފާރު ހިމެނޭ ސަރަހައްދު ބަލައިފާސްކޮށްފައިވެއެވެ. މި ސަރަހައްދު ބަލައިފާސްކުރިއިރު ފާރުގެ ގާގަނޑުމައްޗަށް އެއްލާލާފައި އޮތް ދެ ރަބަރު ޕެކެޓު ނަގައި ބަލައިފާސްކރުިއިރު އެއިން ކޮންމެ ރަބަރު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 26 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލަތައް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަންޖާބޯ

    ދިވެހިރާއްޖޭގެ 95 އިންސައްތަ ފްލެޓް އިން ތިބުނާ ސާމާނު ފެންނާނެ. އެޢީ ތިޔައެއްޗެތި ބޭނުންކުރާ މީހުން ރާއްޖޭގެ މަތިފަޑީގެ ފަލިޖަހަން ފެށިފަހުން ޒަމާންގަނޑެއް ވެއްޖެ.

    10
    1