މި މަހު ހިނގާދިޔަ ބޮޑު ތިން އެކްސިޑެންޓްގައި އިހުމާލުވި ފަރާތްތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ފިޔަވަޅު އަޅައިފިއެވެ.

މިގޮތުން ފިޔަވަޅު އަޅާފައިވާ އެއްފަރާތަކީ މި މަހުގެ ހަތަރު ވަނަ ދުވަހު މާލެ - ހުޅުމާލެ ހައިވޭގައި އެކްސިޑެންޓްވެ އެ މަގުގެ ޑިވައިޑަރުތަށް ހަލާކުވި އިރު ކާރު ދުއްވަން އިން މީހާ އެވެ. އޭނާގެ ލައިސަންސްވަނީ ހިފަހައްޓައި ފިލަން އުޅުނު މައްސަލާގައި ޖޫރިމަނާ ވެސް ކޮއްފައެވެ.

ދެވަނަ މީހަކީ މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ހުޅުމާލެއިން މާލެއަށް ބާރު ސްޕީޑްގައި ދުއްވި ކާރެއް މާލެ އެރި ވަގުތު އޭގެ ކޮންޓްރޯލް ގެއްލި ބްރިޖް ސަރަހައްދުގައި ހުންނަ މެރިން ރިސާޗް ސެންޓަރު ފާރުގައި ޖެހުނު އިރު ކާރު ދުއްވަން އިން މީހާއެވެ. މި މީހާގެ ލައިސެންސް ވަނީ އެއް އަހަރާ ހަ މަސް ދުވަހަށް ހިފަހައްޓާފައެވެ.

ފިޔަވަޅު އަޅާފައިވާ ތިންވަނަ މީހަކީ މި މަހުގެ 8 ވަނަ ދުވަހު މާލެ - ހުޅުމާލެ ހައިވޭ މަތީން، ރާޑަރު ހިމެނޭ ސަރަހައްދާ ހަމައިން ބާރަށް ދުއްވި ކާރެއް ކޮންޓްރޯލު ނުވެ ހައިވޭގެ ޑިވައިޑަރު ތަކުގައި ޖެހި ހިނގި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ އެވެ. އޭނާގެ ލައިސަންސް ހިފެހެއްޓީ އަހަރު ދުވަހަކަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފައިވަނީ މި މީހުންނާއި މެދު ފިޔަވަޅު އަޅާފައިވަނީ އެކްސިޑެންޓު ތަކުގައި ހިމެނޭ މީހުނާމެދު އިދާރީ ފިޔަވަޅު އަޅަން އެ އޮތޯރިޓީއަށް އަންގާފައިވާތީއެވެ. އަދި ފިޔަވަޅު އަޅަން އެންގީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމެއް ނޫނީ ޓްރެފިކް ފުލުހުން ކަމެއް ބުނެފައެއް ނުވެއެވެ.