އައްޑޫގައި ވަކިވަކި މަޝްރޫޢުތައް ހިންގުމުގެ ބަދަލުގައި މުޅި އައްޑޫގެ ތަރައްޤީއާއި ގުޅޭ ތަޞައްވަރެއް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޕާރޓްނާރޝިޕް ފޯރަމަށް ހުށަހަޅުއްވާނެ ކަމަށް، ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން، މި ކަން އިންތިޒާމު ކުރައްވާ ދެ މިނިސްޓްރީ ކަމަށްވާ، ފޮރިން އަދި ފިނޭންސް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، މުޅި އައްޑޫގެ ތަރައްޤީގެ ތަޞައްވަރެއް ހުށަހަޅުއްވާނެ ކަމަށާއި، މި ހުރިހާ ކަމެއްގެ ތަފްޞީލް މިހާރުވެސް ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.

"ރާއްޖޭގެ ހެލްތް ކެއަރގެ ކަންކަން ރަނގަޅު ކުރަން ބޭނުންވޭ. ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމު ކުރަން ބޭނުންވޭ. އަދި ރާއްޖޭގެ ތަޢުލީމީ ކަންކަން މިހާރަށްވުރެ ރަނގަޅު ކުރަން ބޭނުންވޭ. މީގެ އިތުރުން ރާއްޖޭގެ ބޮޑެތި މަޝްރޫޢުތައް. މިސާލަކަށް ރާއްޖޭގެ ކޮމާޝަލް ޕޯޓު އެބަ ބަދަލުކުރަން ބޭނުންވޭ ތިލަފުށީ ގުޅީފަޅު ޒޯނަށް. މި ހުރިހާ ކަމެއްގެ ތަފްޞީލް ވެބްސައިޓުން ފެންނަން ހުންނާނެ. އަދި މި ފޯރަމްގައި މުޅި އައްޑޫގެ ތަރައްޤީގެ ތަޞައްވަރެއް ހުށަހަޅާނަން. ވަކި ވަކި ކަންކަން ތަރައްޤީ ކުރުމުގެ ބަދަލުގައި މުޅި އައްޑޫ ތަރައޤީ ކުރަން އަޅުގަނޑުމެން ބޭނުންވަނީ." އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އަމީރު ވިދާޅުވީ، ރާއްޖޭ ހުޅުވިގެން މި ދަނީ ޒަމާނީ ވިޔަފާރި އަށް ކަމަށާއި، ނޫ އިޤްތިޞާދާއި ބެހޭ ގޮތުން ވަކި ފެނަލް ޑިސްކަޝަންތަކެއްވެސް ކުރިއަށްދާނެ ކަމަށެވެ.

"ރާއްޖޭ މިހާރު މި ހުޅުވިގެންދަނީ ވިޔަފާރި އަށް. ރާއްޖެ އޯޕަން ފޯރ ބިޒްނަސް. މީގެ ކުރީގައި ބޭރު ޤައުމުތަކާއި މެދު އޮންނަންޖެހޭ ގުޅުންތައް ނެތިގެން މިކަންކަން ނުވެ މި ދިޔައީ. ނޫ އިޤްތިޞާދާއި ބެހޭ ގޮތުން ވަކި ފެނަލް ޑިސްކަޝަންތަކެއް ކުރިއަށްދާނެ. އަދި އިޖްތިމާޢީ ދާއިރާއިން ހާޞިލް ކުރަން ބޭނުންވާ ކަންކަންވެސް ހިއްސާ ކުރާނަން. އޭގެ އިތުރުން އަދުލް އިންސާފުގެ ދާއިރާ ރަނގަޅު ކުރުމަށް މި ފޯރަމްގައި ހިއްސާ ކުރާނަން. މި ފޯރަމްގެ ޒަރިއްޔާއިން އަޅުގަނޑުމެންގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރެވޭނެ." އަމީރު ވިދާޅުވިއެވެ.

މި ފޯރަމްގައި 35 ށް ވުރެ ޤައުމުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިންސާނާ

    ކޮމްމެ ސަރުކާރަކުންވެސް ރާއްޖޭގެ އާބާދީ ބޮޑު އަތޮޅުތަކާ ރައްތަކުގެ ތަރައްގީގެ ތަސައްވުރެއް ގެންގުޅުއްވާ ހިތާމަޔަކީ އެގެންގުޅުއްވާ ތަސައްވުއް ތަސައްރަފުނުފުދޭކަން

  2. Anonymous

    ކޮއްކޯ އަމީރު ހަމްޒާ ނޫ އިޤްތިޞާދަކީ ސީޝެލްސްގެ ބްރޭންޑެއް. މިކަހަލަ ވައްކަން ކޮށްގެން ތިޔަ ފޯރަމް ބާއްވައިގެންވާނެ ކަމެއް ހަރާމް.

  3. އައްޑޫމީހާ

    މި 5 އަހަރު ނިމޭއިރުވެސް ތިތަސައްވުރު އޮންނާނީ ކަރުދާހުގަ. އައްޑޫއަކީ އަބަދުވެސް ތަރައްގީގެ ދަޅަދައްކާފަ ބާކީކޮށްފަ އޮންނަ ތަނެއް.

  4. އަބުދުﷲ

    ކުރިން ކެޑިފޮނި ތައްކޮބައިތޯ އެތައް ސަތޭކަ މިލިޔަނެއް އައްޑޫގެ ތަރައްގީއައްލިބިއްޖޭ ކިޔާގެން ޑެދިފޮނި

  5. Anonymous

    މަޖިލިސް އިންތިޚާބުގަ ފައްޔާޒު ބުނި ފައިސާ ހުރީ ހަމަޖެހިފައޭ ގޫބައްޑާސިޓީ ތަރައްޤީކުރަން. އެފައިސާ ހިފައިިގެން އަދި ކިރިޔާ މިއަންނަނީ. ދެން ހުރިހާ ރީނދޫ ގޫބައްޑާތައް ބާރަށް ހަތަރެސްފައި ޖަހާ.

  6. ޝަހީމާ

    އައްޑޫގެ ބޯނެތް ރައްޔިތުން ތިބޭނެ ހެވިފަ!

  7. ޞިރާޠު

    އައްޑޫގެ ތަރައްޤީއަށް މިހާތަނަށް އެންމެ ބޮޑުކޮށް މަސައްކަތްކުރެއްވީ ރައީސް ޔާމީންގެ ސަރުކާރުން. އިތުރު މޮޅު ހޯދުމަށް ގުބޯހެނދިގެން އައްޑޫގެ ގިނަ ރައްޔިތުން ރައީސް ޔާމީންގެ އިޚްލާޞްތެރިކަމަށް ދިނީ ތެޔޮހަމެއް! މިކަން ހިތިކޮށް ފެންނާނެ!