މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު އައިޖީއެމްއެޗްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބުރޫއެރި އެ ހޮސްޕިޓަލުގެ ސީޓީ ސްކޭންގެ ހިދުމަތް އަލުން ފަށައިފިއެވެ.

އައިޖީއެމްއެޗްގައި ހިނގި އަލިފާނުގެ އެ ހާދިސާއާ ގުޅިގެން ޔޫޕޫއެސް ސިސްޓަމްގެ ބެޓަރީ ބޭންކަށް ލިބުނު ގެއްލުމުގެ ސަބަބުން ސިޓީ ސްކޭނަށް ކަރަންޓް އެއިރު ލިބެމުން ނުދެއެވެ. އެހެންވެ އެ ހިދުމަތް ވަގުތީ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލްގައި އާސަންދަ މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖެއްސިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ހޮސްޕިޓަލުގެ ސިޓީ ސްކޭނަށް ދިމާވި މައްސަލަ ހައްލުކޮށްފައިވާކަމަށާއި، މިިއަދު އިރުއޮއްސި 6:00 އިން ފެށިގެން އެ ހިދުަމަތް އެ ހޮސްޕިޓަލުން ދޭން ފަށާފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ވަނީ، އެ މައްސަލަ ހައްލުކޮށްދިނުމުގައި އެހީތެރިވެދިން ފަރާތަކަށް ޝުކުރު އަދާކޮށްފައެވެ.

މިދިޔަ ހުުކުރު ދުވަހުގެ ހެނދުނު އެ އަލިފާނުގެ ހާދިސާ ހިނގީ ސީޓީ ސްކޭން މެޝިނަކަށާއި އައިޓީގެ ބައެއް މެޝިނަރީތަކުގެ ބެކްއަޕް ކަރަންޓް ދިނުމަށް އައިޖީއެމްއެޗްގެ ބޭސްމަންޓުގައި ގާއިމްކޮށްފައިވާ ޔޫޕީއެސް ސިސްޓަމްގެ ބެޓެރީ ބޭންކްގައެވެ. އަލިފާނުގެ ހާދިސާގައި، އެމެޖެންސީ އާއި ޔެލޯ ޒޯނާއި ގްރީން ޒޯންގެ އިތުރުން އޮޕަރޭޝަން ތިއޭޓަ ކޮމްޕްލެކްސް އަށް ދުމުގެ އަސަރުކުރި އެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެތަންތަނުގައި ތިބި ބަލި މީހުން ރައްކާތެރި ތަންތަނަށް ބަދަލު ކުރިއެވެ.

އަލިފާނުގެ ހާދިސާ ހިނގި ނަމަވެސް ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން ސީޓީ ސްކޭންގެ ހިދުމަތް ފިޔަވާ އެހެން ހުރިހާ ހިދުމަތެއް މެދު ނުކެނޑި ދެމުންގެންދިޔައެވެ.