ސަރުކާރުން ތައާރަފު ކުރަން ހުށަހެޅި ފެރީގެ ނިޒާމަށް އެހީތެރިވާނެ ކަމަށް ކުވޭތު ފަންޑުން ބުނެފިއެވެ.

އާބާދީގެ ނިސްބަތުން ރާއްޖޭގެ އެކި ސަރަހައްދުތައް ވަކި ހަބުތަކެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ތައާރަފު ކުރަން ހުށަހެޅި ފެރީގެ ނިޒާމަށް އެހީތެރިވާނެ ކަމަށް ކުވޭތު ފަންޑުން ބުނެފައިވަނީ މިހާރު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ "މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް" ގެ ތެރެއިނެވެ.

ދަތުރުފަތުރުގެ ނިޒާމް ޑިޒައިން ކުރުމަށް ބޭރުގެ އެހީތެރި ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް އެދިވަޑައިގަތުމުން ޕެނަލިސްޓުންގެ ވާހަކަފުޅަށްފަހު، ސުވާލުތަކަށް ހުޅުވާލި ފުރުސަތުގައި، އެ ފޯރަމްގައި ކުވެއިތު ފަންޑު ތަމްސީލް ކުރައްވާ މަންދޫބު ވަނީ މިނިސްޓަރުގެ އެދިވަޑައިގެންނެވުމަށް އިޖާބަ ދެއްވާފަ އެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވި ގޮތުގައި، އެ ޕްލޭންގެ ދަށުން މުޅި ރާއްޖެގައި ސަރަހައްދީ ފަސް ހަބެއް ގާއިމު ކުރަން ވަނީ ވިސްނާފައެވެ. އަސްލަމް ވިދާޅުވީ، މި ހަބުތައް ތަރައްގީ ކުރުމުން، ވަށައިގެން ހުރި ގިނަ ރަށްތަކަކަށް ތަރައްގީއާ އިގުތިސޯދީ މަންފާ ކުރާނެ ކަމަށެވެ.

މައި ހަބުތައް ގާއިމުކުރާ ސަރަހައްދުތަކުގެ ތެރޭގައު ކުޅުދުއްފުށި,ނައިފަރު,ތިނަދޫ, ގަން ހިމެނެއެވެ.

މިއަދު ފެށި ފޯރަމުގެ ތީމަކީ "އިންވެސްޓިން އިން އަ ރިސިލިއަންޓް އެންޑް ސަސްޓެއިނަބުލް މޯލްޑިވްސް" އެވެ. މި ފޯރަމުގައި ސަރުކާރުން އިސްކަންދޭ ބައެއް ދާއިރާތަކުން ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ސެޝަންތަކުގައި ރާއްޖެއިން އިޤްތިޞާދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި އިޤްތިޞާދު ހަރުދަނާކުރުމަށް ކުރިޔަށް ރޭވިފައިވާގޮތް ފޯރަމުގެ ބައިވެރިންނާއި ޙިއްސާކުރެވޭނެ ކަމަށާއި މީގެ ތެރޭގައި "ނޫ އިޤްތިޞާދު" ގެ ތަސައްވަރާއި ޖަޒީރާ ރާއްޖޭގެ ތަސައްވަރާއި ބެހޭ މައުލޫމާތު ހިމެނޭ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހިބަސް

    އާދޭސް ކުރާ ބައްދަލުވުން،

  2. ޒާ

    ހަބުތައް ހަދައިގެން ތަނބުތައް ޖަހައިގެން މި ފަސްއަހަރު ކަލޭމެން ތިބޭ. ޔަގީނުންވެސް އަހަރެއްމެން އެއްވެސް ރަށަކުން ތިޔަ ހަބެއްގެ ބޭނުން ހިފަން ނުދާން. މީ 60 އަހަރު ތަކެއްނޫން. ހީނުކުރާތި ތިގޮތަށް ތަރައްގީ ގެނެވޭނެކަމަށް. މިހާރު ރާގު ތި ބަދަލުވީ. ކުރިން ބުނީ އެއްވެސް ރަށެއް ތަފާތު ނުކުރާނެކަމަށް. ތަރައްގީ ކުރަން ޔާމީނު އެއްފަސްކުރާ ޚިޔާލު ގެންގުޅުމުންވެސް ކުރީ މަލާމާތް. މިހާރު ތިހާވަނީ ކޮން ހަޑިއެއް. އިތުރު އުނދަގޫ ނުޖައްސާ އިސްތިޢުފާދީ.