ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަޙްޤީޤް ކުރަމުންދާ ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަތައް އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިއުމަށް ޖޭއެސްސީ އިން ނިންމައިފިއެވެ.

މިގޮތަށް ޖޭއެސްސީ އިން ނިންނީ ފަނޑިޔާރު ޑީޑީ އެގޮތަށް އެދިވަޑައިގެންނެވުމުން އެކޮމިޝަނުން މިއަދު ހެނދުނު ބޭއްވި ބައްދަލުވުމެއްގައެވެ.

އެސްސީން ރޭ ނެރުނު ބަޔާނެއްގައިވަނީ ފަނޑިޔާރު ޑީޑީއާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަން ނިންމީ ފަނޑިޔާރު ޑީޑީގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން އަންގާފައިވާތީ އެކަމުގައި ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށާއި ފަނޑިޔާރު ޑީޑީ ސަސްޕެންޑްކޮށްފައި ވަނިކޮށް ރަސްމީ މަސައްކަތަށް ނިކުމެ ވަޑައިގަންނަވާތީ އެ މައްސަލަ ކަމަށެވެ. އެ ދެ މައްސަލަ ބެލުމަށް ވެސް މުޅި ކޮމިޝަން ހިމެނޭ ގޮތަށް ކޮމެޓީއެއް އެކުލަވާލި ކަމަށާއި އެކަމަކު ޖޭއެސްސީގެ ތިން މެމްބަރަކު އެ ދެ މައްސަލައިން ތަނާޒުލްވެ ވަޑައިގެންފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުން ގެންދާ ފަނޑިޔާރު ދީދީގެ މައްސަލައިގެ ބައްދަލުވުންތައް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދަން އޭނާ އެދިވަޑައިގެންނެވީ ރޭ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހާޒިރު ކުރުމުންނެވެ.

ފަނޑިޔާރު ދީދީގެ ވަކީލު އާދަމް އާސިފް ރޭ ވިދާޅުވީ، ފަނޑިޔާރު ދީދީ ބޭނުންފުޅު ވަނީ އޭނާގެ ނަޒާހާތްތެރިކަމާއި އަދި ތަހުގީގު ކުރިއަށްދާގޮތް ހުރިހާ ރައްޔިތުންނަށްވެސް ކަށަވަރު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ތަހުގީގު ކުރިއަށްގެންދަން ކަމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީ އަށް ހާޒިރުކުރީ އޭނާއާ ގުޅޭ މައްސަލަތަކެއްގެ ތަހުގީގު ފުލުހުން ހިންގަމުންދާކަން އެ ކޮމިޝަނަށް ސިޓީއަކުން ފުލުހުން އަންގާފައިވާތީ އެ މައްސަލައިގައި ވެސް އޭނާގެ ބަޔާން ނެގުމަށާއި، އޭނާ ރަސްމީ މަސައްކަތަށް ނުކުންނަވާތީ އެމައްސަލައިގައި ބަޔާން ނެގުމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނުކުންނަވަނީ އޭނާ ސަސްޕެންޑްކުރުމަށް ޖޭއެސްސީއިން ނިންމާފައިވީނަމަވެސް އެނިންމުމަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު