ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އާދަޔާއި ހިލާފު އަމުރުގައި މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި ބައި ބާތިލް ކުރަން ދައުލަތުން ދައުވާ ކުރުމަށް ކުރިއަށް ގެންދާ ޝަރީޢަތް މިއަދު ސުޕްރީމް ކޯޓުގައި ފަށަން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގައި މިމައްސަލަ ތާވަލް ކޮށްފައި ވަނީ މިއަދު 11:30 އަށެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އަމުރުގައި ވަނީ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެމްބަރުކަމުން ވަކިވާ ގޮތަށް މިދިޔަ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލް ކުރާ ކަމަށެވެ.

12 މެންބަރުން ވަކި ނުވާކަމަށް ނިންމި ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުން ކުރިން ވަނީ ވަގުތީ އަމުރެއް ނެރެ، ކުރީގެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން މަޑުޖައްސުވާފައެވެ.

މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގައި މިމައްސަލަ ތާވަލް ކުރިއެވެ. ނަމަވެސް ޝަރީޢަތް ނުބާއްވާ ފަހުން ވަނީ އަޑުއެހުން ކެންސަލް ކޮށްފައެވެ.

އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ބައި ބާތިލް ކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނިކޮށް، މަޖިލީހުން މިހާރު ވަނީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފަ އެވެ. އެޤާނޫނު ބާތިލް ކުރަން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަލަކުރި

    ރައްޔިތުންގެ މަންދޫބުންގެ ޙައްޤުތައް ހިމަޔާތްކުރުން ނުވަތަ މަގުމަތި ކޮށްލުމް އަދި ރައްޔިތުންގެ ނިންމުން އެނޫންގޮތަކަށް ނިންމުން. އަދި ސަރުކާރުގެ ސިޔާސަތު ތަކާއި ގާނޫނުތަކަށް ގެންނަ ބަދަލު ތައް ކަށަވަރު ކުރުންވެސް އޮތީ ޤާޟީންގެ އަތްމަތީގައި