ރާއްޖޭގެ ޒުވާނުން ޓެކްނިކަލް އެކި ދާއިރާތަކުން ތަމްރީނު ކުރުމަށް އިންޑިއާ ސަރުކާރުގެ ނޭޝަނަލް ސްކްލިސް ޑެވެލޮޕްމެންޓް ކޯޕަރޭޝަންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކުރުނބާގައި ކުރިއަށްގެންދިޔަ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަށްފަހު ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލްއެވެ.

ފައްޔާޒް ވިދާޅުވީ، މިއަދު ސޮއި ކުރެވިގެން ދިޔަ އެއްބަސްވުމަކީ ރާއްޖޭގެ ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށާއި، ރާއްޖޭގައި ތިބި ބިދޭސީ ވަޒީފާތައް ދިވެހިންނަށް ފުރުސަތުދީ ޒުވާނުން ތަމްރީނުދީ، އެކި ސިނާއަތްތަކަށް އެ ޒުވާނުން ނެރުމަށް ވެވޭ އެއްބަސްވުމެއް ކަމަށެވެ.

"މީގެ ސަބަބުން އެބޭފުޅުންގެ އެކްސްޕެޓީސް އާއި އެބޭފުޅުންގެ އެކްސްޕީރިއަންސް ޝެއާ ކުރެވި އަދި އަޅުގަނޑުމެންނަށް ބޭނުންވާ ދާއިރާތައް އައިޑެންޓިފައިކުރުމާއި، މި ހުރިހާ ކަންތައްތަކަށް އެހީތެރިކަން ލިިބިގެންދާނެ". ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހަނިވެފައި އޮންނަ އޮތުމަކީ މިހާރު ދިމާވެފައި އޮތް މައްސަލައެއް ކަމަށެވެ. އެއީ ބައިވަރު މައްސަލަތަކެއް އޮންނަ ކަމެއްކަމަށާއި، އެކަންކަން ހައްލު ކުރުމަށް ފެށިގެންދާ މަސައްކަތުގެ ތެރެއިން މިއަދު އެއްބަސްވުމެއްގައި ސޮއި ކުރެވިގެން ދިޔައީ އޭގެ އެއް ބައި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ހުރި މައްސަލަތައްވެސް މިހާރު ހައްލު ކުރަމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ވަރަށް ޒަމާންވަންދެން ގޮސްކޮށް ގޮސްފައި އޮތްކަމެއް ވީމަ އަޅުގަނޑުމެން ވަގުތު ނަގައިގެން އެކަމުގެ ހުރި ހައްލުތައް މިހާރު މިނިސްޓްރީތަކުން ކުރިއަށް މިދަނީ". ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ޒުވާނުން ނެރެންް ޖެހެނީ ކޮން ދާއިރާތަކަށްތޯ ބަލާނެ ކަމަށެވެ. އެގޮތުން ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުގެ މަތީ ފަންތީގެ، ޓެކްނިކަލް ވަޒީތަކަށް ތަމްރީންކޮށް، މިހާރު އެ ވަޒީފާތަކުގައި ތިބި ބިދޭސީން، ދިވެހިންނަށް ބަދަލު ކުރަން ބޭނުންވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"މި ދެންނެވީ ދިވެހިން ވަޒީފާއަށް ނެރުމާއި ދިވެހިން ކުރާ ހިތްވާ ކަހަލަ ކަންތައްތަކަށް ބޮޑަށް ޓާގެޓް ކުރުމާއި އެއީ ރަނގަޅު އާމްދަނީ ލިބޭ ވަޒީފާތަކަކަށް ވުން. އެއޯ ވާގޮތަކީ އެންމެ އާދައިގެ ވަޒީފާތަކަށް ދާން ދިވެހިން ޝައުގުވެރިކަން ކުޑަ. އެހެންވެ ޝައުގުވެރިކަން ހުންނަ ދިމާތައް ބަލާ އެއަށް ބޭނުންވާ ސްކިލްތައް ދިނުން އަޅުގަނޑުމެންގެ މަގްސަދަކީ". ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ، ރާއްޖޭގައި ތަމްރީން ސެންޓަރުތައް ގާއިމް ކުރުމަކީ ރައީސް ސޯލިހުގެ ވައުދެއް ކަމަށްވާއިރު، އިންޑިއާ ސަރުކާރުން ހިންގާ އެ ތަމްރީން ޕްރޮގްރާމްތަކުގެ އަލީގައި ކަންކަން ކުރެވިގެންދާނެ ގޮތްތައް ހޯދިގެން ދާނެ ކަމަށެވެ.

ޒުވާނުން ތަމްރީނު ކުރުމަށް ރާއްޖެ އާއި އިންޑިއާ އިން އެއްބަސްވިއިރު ދާދި ފަހުން ސިވިލްސާވަންޓުން ތަމްރީނު ކުރުމަށްވެސް އިންޑިއާއެކު އެއްބަސްވެފައި ވެއެވެ.