ކުޅުދުއްފުށި އެއަރޕޯޓަށް ދެ ވެހިކަލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ރީޖަނަލް އެއާޕޯޓްސް އިން އިއުލާން ކޮށްފިއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ވެހިކަލް ސަޕްލައި ކޮށްދިނުމަށް ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 26 ޖޫން ވާ ބުދަ ދުވަހުގެ 11:00 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 ޖުލައި ވާ އަންގާރަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސް އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް އިއުލާނުގައި ވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުން ވަނީ ކޮން ވައްތަރެއްގެ ވެހިކަލެއް ކަމެއް އިއުލާނުގައި ބަޔާންކޮށްފައެއް ނުވެއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ނެގުމަށް މިމަހު ހުޅުވާލާނެކަމަށް ރީޖަނަލް އެއާޕޯޓް އިން ކުރިން ވަނީ ވިދާޅުވެފައެވެ. ކުޅުދުއްފުށީ އެއާޕޯޓްގެ މިހާރު ކުރިއަށްދަނީ ޓާރމިނަލް ހެދުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. މިމަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެއާއެކު ޖުލައިމަހު ކުޅުދުއްފުށީ އެއާޕޯޓަށް އާންމު ދަތުރުތައް ފަށާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް ފެށީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ރަންވޭގެ މަސައްކަތް އެކަނި ނިންމުމަށް ފަހު ޔާމީންގެ ވެރިކަމުގައި ކުޅުދުއްފުށީގައި ފްލައިޓް ޖެއްސިއެވެ.

ކުޅުދުއްފުށީ އެއާޕޯޓްގައި ހަދާފައި ވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ.