މިއަދު ހެނދުނުން ފަށައިގެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވުމުން މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ އެކި ހިސާބުތަކުގައި ފެން ބޮޑުވެފައިވާތީ މިވަގުތު ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް އައިޖީއެމްއެޗް ސަރަހައްދުގައި ކުރަމުންދާ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަރަކަށްވާއިރު މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މެންދުރު 14:00 އާއި ހަމައަށް ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފައެވެ.