މަސްވެރިކަން ކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސަލްގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ކަނޑައަޅާފައިވާތީ މިކަން ތަންފީޒުކުރުމަށް އެކުލަވާލާފައިވާ އުޞޫލު ފިޝަރީޒް މިނިސްޓްރީން އާއްމު ކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައި ވަނީ މި އުޞޫލުގެ ދަށުން، ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކާނީ މިނިސްޓްރީން ދޫކުރާ މަސްވެރިކަމުގެ ލައިސަންސް އޮންނަ އުނޅަދުތަކަށް އެކަންޏެވެ. މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށްވާތީ، އެޕްލިކޭޝަން ޓެސްޓުކުރުމުގެ މަސައްކަތް މިހިނގާ ޖޫންމަހުގެ ތެރޭގައި މިފްކޯ އާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

އެޕްލިކޭޝަން ޓެސްޓުކުރުމަށްފަހު، ޑިއުޓީ އުނިކޮށްފައިވާ ޑީސަލް މަސްވެރި އުޅަނދުތަކަށް ދޫކުރުމުގެ ޕްރޮގްރާމް އާންމުކޮށް ހުޅުވާލެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ވިދާޅުވެއެވެ.

މިޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ، ޑީސަލް ސަޕްލައިކުރައްވާ ފަރާތްތަކުން މި މިނިސްޓްރީން ދޫކުރާ އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު، މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެއެވެ.

މިޕްރޮގްރާމްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ މަސްވެރި އުޅަނދުފަހަރު، މަސްވަރިކަމުގެ ލައިސަންސް ނަގަން ޖެހޭނެއެވެ.

އެޕްލިކޭޝަން ފޯމާއި ލައިސަންސް އަށް އެދޭފޯމް ފިޝަރީޒް މިނިސްޓްރީގެ ވެބް ސައިޓުންނާއި ރަސްމީގަޑިތަކުގައި މިނިސްޓްރީން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ވެއެވެ.

ޑީސަލުން ޑިއުޓީ ކަނޑާލަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު އެވެ. އެހެންނަމަވެސް އެނިންމުމަށް އަމަލު ކުރަން މިފަށަނީ އޭގެ ހަމަސް ދުވަސް ފަހުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި މަސްވެރިކަމަށް ނުކުންނަން ކުރަން ޖެހޭ ހަރަދު ކުޑަ ކުރުމަށް މަސްވެރިންނަށް ޑީސެލުން ނަގަމުން އަންނަ އިމްޕޯޓު ޑިއުޓީ އެއް މަސް ތެރޭގައި ކަނޑާލަން ވައުދުވެފައިވެ އެވެ. އަދި އަންނަ އަހަރަށް ފާސް ކުރި 30.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި ކަރަންޓުގެ އަގުހެޔޮ ކުރުމަށް 272 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    ޖަޒީރާ ރާއްޖޭގަ މީސްތަކުންނަށް އިންސާފުލިބޭނެގޮތް ރައްޔިތުންނަށް މިއަދުފެނިގެންމިދަނީ. ކުށަކަށް މީހަކަށް ތުހުމަތު ކުރުމުގެކުރީގައި އެމީހަކު ނައްތާލާނެ.

    6
    1