ދީނީ ޢިލްމަކީ އިސްލާމް ދީން ދެމިއޮތުމުގެ އަސްލު ކަމަށާއި، ދީނީ ޢިލްމު އުނގެނުމަށް އިސްލާމް ދީން ބާރު އަޅުއްވާފައިވަނީ އެކަމުގެ ސަބަބުން ކަމަށް، މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެ އެވެ.

"މާތް ނަބިއްޔާގެ ނަމޫނާ އަށް ތަބާވާށެވެ. ދީނުގެ ޢިލްމު ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރާށެވެ. އެކަމުގެ މަތިވެރި ދަރަޖައާއި ހެޔޮކަން ލިބިގަންނާށެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަންނާށެވެ. އަމިއްލަ ނަފްޞާއި އަނބިދަރިންނާއި، ދިރިއުޅޭ ހިސާބުގެ އެންމެންނަށް އަމާންކަމާއި، ރައްކާތެރިކަން ހޯދައި ދޭށެވެ." މިއަދު ޚުޠުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޚުޠުބާގައި ވިދާޅުވީ، ޢިލްމުގެ މަޤާމު މަތިވެރި ކަމަށާއި، އެއީ ޢިލްމު އުނގެނިގެން ހުންނަ މީހާއަށް ޢިލްމުވެރިންގެ ދަރަޖަ ލިބުމާއި އެކު އޭނާގެ ހިތަށް އުފާވެރިކަން ގެނުވާތީ ކަމަށެވެ.

"އަދި އެކަލޭގެފާނު މާތް ﷲ ރުއްސުންލެއްވި އަބޫ ޒައްރުގެފާނަށް ޙަދީޘްކުރެއްވިއެވެ. އޭ އަބޫ ޒައްރުގެފާނެވެ. ތިބާ ޢިލްމުގެ ބާބެއް އުނގެނުން (ސުންނަން ނަމާދުގެ) އެއްހާސް ރަކުޢަތް ކުރެއްވުމަށް ވުރެ ހެޔޮކަން ބޮޑު ވެގެން ވެއެވެ." މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

ހަމައެހެންމެ، މިއަދުގެ ޚުޠުބާގައި ވިދާޅުވީ، ދީނީ ޢިލްމާއި އެކު ދުނިޔަވީ ހުރިހާ ޢިލްމެއްގައި ވެސް އައު އީޖާދުތައްކޮށް، އެކަމުގައި އެންމެ ކުރީ ސަފުގައި ތިބީ މުސްލިމު ދީނީ ޢިލްމުވެރިން ކަމަށާއި، އޭގެ ތެރޭގައި ހިސާބު ޢިލްމުގެ ތަފާތު ގޮފިތަކާއި، ޖޯގުރަފީއާއި، އިމާރާތް ކުރުމުގެ ފަންނާއި، ދަތުރުފަތުރާއި، ނިޔަމި ކަމާއި، ކެމިސްޓްރީ އާއި، ފަލަކީ ޢިލްމާއި، އެކަމުގައި ބޭނުން ކުރާ އާލާތްތައް އީޖާދު ކުރުން ފަދަ ނާޒުކު ފަންނުގައިވެސް މުސްލިމު ޢިލްމުވެރިން ކުރި ހޯދާފައިވާ ކަމަށެވެ.

މިއަދުގެ ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ޢިލްމު އުނގެނުމުގެ މާތްކަން" މި މަޢުޟޫގެ މައްޗަށެވެ.