މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ޖަލުގެ ހާލަތު ބެއްލެވުމަށް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މާފުށީ ޖަލަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މިނިސްޓަރ އިމްރާން މާފުށީ ޖަލަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ހޯމް މިނިސްޓްރީން މިކަން ހާމަކޮށް ވިދާޅުވެފައިވަނީ، އެމަނިކުފާނު ޖަލަށް ޒިޔާރަތްކުރެއްވީ 20 ޖޫން 2019 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގި ހާދިސާގެ މައުލޫމާތު އޮޅުންފިލުއްވާ، ހާލަތު ދެނެގަތުމަށްޓަކައި ކަމަށެވެ. އަދި މި ޒިޔާރަތުގައި، ހާދިސާއަށްފަހު ކަންކަން ހިނގައިދިޔަ ގޮތްވެސް މިނިސްޓަރ ބައްލަވާނެ ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން މިއަދު މާފުށީ ޖަލަށް ޒިޔާރަތްކުރެއްވިއިރު، ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާފުށީ ޖަލުގައި ހާލަތާއި ނުބައްދަލު ބާރު ބޭނުންކުރި މައްސަލައާއި ބަންދުގައި ތިބި މީހުންނަށް އަނިޔާވި މައްސަލައަކީ ބަލައިގަނެވޭ ކަންކަމެއް ނޫން ކަމަށެވެ. އަދި ޖަލުގައި ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށްފައިވާ މައްސަލައާއި ބަންދުގައި ތިބި މީހުންނަށް އަނިޔާވި މައްސަލަ ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާރވިސް، މި މައްސަލައާއި ގުޅިގެން ހިންގަވާ ތަހުޤީޤު ނިމުމުން އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

"ތަހުޤީޤު ނިމުމުން އިހުމާލުވާ ފަރާތްތަކާމެދު އަޅަންވީ ފިޔަވަޅުއަޅައި، މިފަދަ އަމަލުތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖަލުގެ އިންތިޒާމުތަކަށް ގެންނަންވާ ބަދަލުތައް ސަރުކާރުން ގެންނާނެކަމުގެ ޔަޤީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." ހޯމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މާފުށީ ޖަލުގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ހަޤީޤަތް އޮޅުވާލާފައިވާކަން ދޭހަވާ ވީޑިއޯއެއް މިހާރު ދައުރު ވަމުންދާއިރު، ކަރެކްޝަންސް އިން ބައެއް ކަންކަން ސިއްރު ކުރުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މިކަމާއި ގުޅިގެން ކަރެކްޝަނަލް ސާވިސް އާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިއުން ދަނީ އަމާޒުވަމުންނެވެ.

މާފުށި ޖަލުގައި ހިންގި ހަމަނުޖެހުމުގެ ތެރޭގައި ޖަލުގެ އޮފިސަރަކަށް ހަމަލާ ދިނުމުން ބައެއް ގައިދީންގެ ކުރިމަތި ފަރާތަށާއި، ފުރަގަސް ފަރާތަށް ޖަލުގެ އޮފިސަރުން ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން ބައެއް ގައިދީން ގޮޅިތަކުން ނެރެ ދެގަޑިއިރު ވަންދެން އެމީހުންގެ ގައިގައި ތަޅައި އަނިޔާކޮށްފައިވާ ކަމަށާއި، އޭގެތެރެއިން ބައެއް މީހުންގެ ބޯ ބާލާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. މިއީ ފަހުގެ ތާރީޚެއްގައިވެސް ޖަލުގައި މިފަދަ ބޮޑު ހަމަނުޖެހުމެއް ހިނގައިދިޔަ ފުރަތަމަ ފަހަރެެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފޮނިކަނޑާ

    ތިކަލޭގެ ދަމާ ޖަލަށް ވައްދާފަ ތަޅުލާ.

    21
    4
  2. އަހުމަދު

    ތިތާ ނެތް ކަމުދާ އެންމެ ވެރިޔެއްވެސް. ކޮރަޕްޝަން

  3. ކަސްރަރު

    މީ ކަންކަން އިސްލާހުކުރާނެ ސަރުކާރެއް.. ވަގުތު ދޭން ޖެހޭނެ!

  4. މުހުންމަދު

    ހައިރާންވާވަރުގެ ކޮމެންޓް ތަކެއްކުރާބައެއް!! ބަލަޖަލުބަލަހައްޓަންތިބީވެސް ހަމައިންސާނުންނެވެ. ހުރިހައި އިހްސާސްތަކެއް ހުންނާނެ. އަނިޔާކުރީމަ ތަދުވާނީ ހަމައެކަނި ތިޖަލަށްލެވިފައިތިބި މުޖްރިމުންނަށް އެކަނިއެއް ނުން. އަނިޔާކުރީއެމީހުން ގޭގައި ހައްޤަކާއިނުލައިތިއްބާތ؟؟
    ދުނިޔޭގެ ޖަލުތަކުގައި ކުށްވެރިންކުރިމަތިލާންޖެހޭ ބިރުވެރިކަމަށްބަލާއިރު މިތާނގެ ޖަލުބަލަހައްޓާމީހުންނަކީ ވަރަށްވެސްޚުލްގު ހެޔޮބައެއް. ވީމާ ދެންވެސްޝުކުރުއަދާކުރަން ދަސްކޮށް ތިމާ އިސްލާހުވޭ. ތަންކޮޅަށް ގަޓްހުންނަަވައްތަރުމީހުން ތިތަންބަލަހައްޓަންތިބިނަމަ ހަމަޔަޤީނުންވެސް ސަރުކާރުގެ ބަޖެޓުންކުރަން ޖެހޭޚރަދުތަނކޮޅަށްކުޑަކޮށްލަދޭނެ.