ދިޔަ ވަރު ބޮޑުވާ ވަގުތު ތަކުގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން މެޓް އޮފީހުން ވިދާޅުވީ، ދިޔަވަރު ބޮޑު ވާ ވަގުތު ތަކުގައި ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުޞަތު ބޮޑު ކަމަށާއި، އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކަށް، ގުގުރުމާއި އެކު ވިއްސާރަ ކުރާނެ ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް، ޢާއްމުގޮތެއްގައި މޫސުން ރަނގަޅު ވާނެ ކަމަށާއި، ނަމަވެސް މެންދުރު ފަހުގެ ވަގުތެއްގައި ދެކުނުގެ ބައެއް ހިސާބުތަކަށް، ގުގުރުމާއި އެކު ވާރޭ ވެހޭނެ ކަމަށް ލަފާ ކުރައްވާ ކަމަށްވެސް، ވިދާޅުވިއެވެ.

ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ، ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަަދަވުން އެކަށީގެން ވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް އެ އޮފީހުން މަޢުލޫމާތު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު