ކުނި މެނޭޖްކުރުމަށް، ރ.ވަންދޫގައި ޤާއިމުކޮށްފައި ހުންނަ، އިންސިއުނޭޓިން ފެސިލިޓީގައި މައްސަލަ ޖެހި، ނ.މަނަދޫ އިން ކުނި ގެންދިއުން ވެމްކޯ އިން ހުއްޓާލުމުގެ ސަބަބުން އެރަށު ކުނި ގޮނޑު ފުރިއްޖެ އެވެ.

މިކަމާއި ގުޅޭ ގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ނައިބު ރައީސް، ޙުސައިން ނަޒީދު ވިދާޅުވީ، މަނަދޫ ކުނީގެ މައްސަލަ އަށް ދާއިމީ ހައްލެއް އަދިވެސް ލިބިފައިނުވާ ކަމަށާއި، މިކަމަކީ އާއްމު ރައްޔިތުންނާއި، ކައުންސިލްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ.

"2018 ވަނަ އަހަރު އޮންނާނެ ވެމްކޯ އާ އެއްކޮށް އެއްބަސް ވުމެއްގަ ސޮއި ކޮށްފަ. އެ އެއްބަސް ވުން ބުނާ ގޮތުން މަހަކު އެއްފަހަރު ކުނި ނަގަން އަންނަން ޖެހޭނެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރ މަސް ފަހުން އަދި ކުނި ނަގާކަށް ނާދެ. އަޅުގަނޑުމެން ކައުންސިލުން އޮންނާނެ މިކަމާއި ގުޅޭ ކަންބޮޑުވުންތައް ބަޔާންކޮށް ސިޓީތައް ވެސް ފޮނުވާފަ. ކުނި ނެގުން ހުއްޓާލާފަ އޮތް ވާހަކަ ވެސް ވިދާޅުވި، ނަމަވެސް އޭގެ ފަހުން އަނެއްކާ ވިދާޅުވި ކުނި ނެގުމުގެ މަސައްކަތް ފަށާ ވާހަކަވެސް." ނަޒީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޒީދު ވިދާޅުވީ، ކުނި ކޮށި އެއްކޮށް ފުރި، ހުރިހާ ކުންޏެއް މިހާރު އެއްވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ވަރަށް ހަލުވި މިނެއްގައި ބަލިތައްވެސް ފެތުރެމުން ދާ ކަމަށެވެ.

މަނަދޫ ކުނިކޮށި ބަންޑުން ވަނީ -

"ކުނި ކޮށީގަ އެކި ކުނި ވަކިކޮށްފަ މި ބަހައްޓަނީ. ނަމަވެސް ވަކި ވަރެއް ވަންދެން ނޫންތޯ އެހެން އެެކަން ކުރެވޭނީ. މިހާރު އެ ހުރީ ހުރިހާ ކުންޏެއް އެއްވެފަ. އަޅުގަނޑުމެން އާދޭހާއި އެކު ދަންނަވައިފިން މިކަން ހައްލުކޮށްދެއްވުމަށް. ވަކި ސަރުކާރެއްގަ ނޫން، ހަމަ އެއްވެސް ސަރުކާރެއްގަ މިކަމަށް އެއްވެސް ހައްލެއް ލިބިފައެއް ނުވޭ." ނަޒީދު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް މާރކެޓިން، ޖެނެރަލް މެނޭޖަރ އުބައިދު، ވަންދޫގައި ހުރި އިންސިއުނޭޓިން ފެސިލިޓީގެ މައްސަލަ ދިމާވެގެން ކުނި ނެގުން ހުއްޓިފައިވާ ކަމަށާއި، ނަމަވެސް ވީ އެންމެ އަވަހަކަށް ކުނި ނެގުމަށް މަސައްކަތް ކުރާ ކަމަށެވެ.

"އަޅުގަނޑުމެން އިންނާނީ ސިޓީ އެއް ފޮނުވާފަ. ވަންދޫގައި ހުރި އިންސިއުނޭޓިން ފެސިލިޓީގެ މައްސަލަ ދިމާވެގެން ކުނި ނެގުން ހުއްޓާލާފަ ވަނީ. މި ބަލަނީ ވީހާވެސް އަވަހަކަށް މަސައްކަތް ފެށޭތޯ. މުޅި އެ ސަރަހައްދުގެ އެއްވެސް ރަށަކުން ކުނި ނުގެންދެވޭނެ މިހާރަކު." އުބައިދު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝިޔާމް/މަނަދޫ

    އަޅުގަނޑުމެން އިންނާނެއޯ ސިޓީއެއް ފޮނުވާފަ.މި އުބެއިދުމީ ސިކުނޑި ހަމަޖެހޭ މީހެއްތޯ ބަލަންވީ ފުރަތަމަ؟

  2. ސޮބީހު

    އަހަރުމެން އޭރުވެސް ބުނިން މިވެރިކަން އައިސްގެން ކޮންކަމެއްހޭ ވާނީ. ކުނިކޮޅު އުކާނުލެވުން

    2
    1
  3. ހަސަނު

    ކުނިކޮށި ފުރި ބަންޑުންވަނީއޯ؟؟؟ ތިޔަބުނާ ކުނިކޮށި ފުރިގެން މިހާރު ކުނި އަޅަން ޖެހެނީ މަގުމައްޗަށް..
    ވ.ސަލާން

  4. މައިނާ

    ހިނިގަޅާ ގަޅާ ހަލާކު. ޢަދިވެސް ދޮގުހަދާބަލަ ގޮވާބޭ. ބަލަ ނިމިދިޔަ ސަރުކާރުގަ މަނަދޫ ކުނިގޮޑު އޮންނާނީ ބަނޑުވަތައް ވެއްޓިފައެއްނޫން.
    ގޮވާބެމެން ފޫގަޅައިގެން ވަގަށް ގެނައިސަރުކާރަށް މިވަރުވެސް ނުވި. ދެން ލަލަލާ.

  5. ޯޖޮޕަރ

    ޢުބައިދު ކަލެ އިސްތިއުފަ ދި