މިމަހުގެ 16 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން ހިންގާ، ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ރާވާފައިވާ ކަމުގެ އިންޓެލިޖެންސް މަޢުލުމާތު ފުލުހުންނަށް ލިބިފައިވާތީ ދިވެހި ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ހަވީރު ނެރުނު ބަޔާނަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މަރުޚަބާ ކިޔައިފިއެވެ.

މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ސަލާމަތީ ބާރުތައް ގުޅިގެން ނެރުއްވި ބަޔާނަށް ވެރިކަންކުރާ މައި ޕާޓީގެ ފަރާތުން ވަރަށް ބޮޑަށް މަރުޚަބާ ކިޔާ ކަމަށާއި، އެ ޕާޓީގެ ފަރާތުން ދިވެހި ފުލުހުންނާއި ސިފައިންނަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމަށެވެ.

"ސަލާމަތީ ބާރުތައް ގުޅިގެން ތި ނެރުއްވި ބަޔާނަށް ވެރިކަންކުރާ މައި ޕާޓީގެ ފަރާތުން ވަރަށް ބޮޑަށް މަރުޚަބާ ކިޔަން." އަދުރޭ ވިދާޅުވިއެވެ.

ދިވެހި ފުލުހުންނާއި ސިފައިންގެ ޤާނޫނީ ވާޖިބު އަދާކުރުންމަކީ ދެމިތިބުމަށް ދިވެހި ފުލުހުންނާއި ސިފައިންނަށް ހިތްވަރު ދެއްވައި އަދުރޭ ވިދާޅުވީ، "ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުމަށްޓަކައި، ދިވެހި ފުލުހުންނާއި ސިފައިން ކުރާ ހުރިހާ މަސައްކަތަކަށް ޕީޕީއެމްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ" ކަމަށެވެ.

ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމަކަށާއި، ދިވެހި ސިފައިންނާއި ދިވެހި ފުލުހުން އެދިވަޑައިގަންނަވާ ކޮންމެ ކަމަކަށް ޕީޕީއެމްގެ ލޮބުވެރި މެންބަރުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށްވެސް އަދުރޭ ގޮވާލެއްވިއެވެ.

މިފަދަ ޣައިރު ޤާނޫނީ އެއްވުންތަކަށް ގޮވާލާ މިފަދަ ކަންކަމަށް ހިތްވަރުދޭ ފަރާތްތަކާއި، މިފަދަ ކަނަކަމަށް ނިކުންނަ ފަރާތްތަކާ ދޭތެރޭގައި ޤާނޫނީގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ޕީޕީއެމް އިން ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލާފައިވެއެވެ.

ސަލާމަތީ ބާރުތަކުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، 2018 ފެބުރުވަރީ 16 ވާ ހުކުރު ދުވަހު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް މީހުން އެއްވެ، ހަމަނުޖެހުން ހިންގައި، ސަލާމަތީ ބާރުތަކާ ކުރިމަތިލައި، ޤައުމު ހަލަބޮލިކުރުމަށް ބަޔަކު ރާވަމުންދާކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށާއި އެފަދަ އެއްވެސް ކަމަކަށް ފުރުޞަތު ނުދެއްވާނެ ކަމަށެވެ.

މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، ޤައުމު އަމާން ކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަދި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމަށް ދިވެހި ފުލުހުން ސާބިތުވެ ތިބޭނެ ކަމުގައި އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފުލުހުން މިގޮތަށް ބަޔާނެއް ނެރެފައި މިވަނީ، ފެބުރުވަރީ މަހުގެ 16 ވާ ހުކުރު ދުވަހަކީ "ބޮޑު" ދުވަހަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު