ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ގޭގެ ދޮރު ހަލާކުކޮށްލައިގެން ދެހާސް ފަނަރަވަނަ އަހަރު، ފުލުންވަދެ ބައެއް ތަކެތި ގެންދިޔަ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ ނުބަލަން ނިންމައިފިއެވެ.

މިއަދު ކޮމިޓީން ހުށަހެޅި ރިޕޯޓްގައި ވާ ދެ މައްސަލައިގެ ތެރޭގައި ހިމެނެނީ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ފާސްކޮށް، ނުރައްކާތެރި ހަތިޔާރު ފެނުނު ކަމަށް ބުނާ މައްސަލަ ބެލުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކާއި ނާޒިމް، ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް، އޭނާ ދިރިއުޅުއްވާ ގޭގެ ދޮރާއި އެޕާޓްމަންޓުގެ ދޮރުތައް ހަލާކުކޮށްލައިގެން ފުލުހުންތަކެއް ވަދެ، ބައެއް ތަކެތި ގެންދިޔަ މައްސަލަ ބެލުމަށް ހުށަހަޅާފައިވާ މައްސަލަ އަކެވެ.

ނާޒިމުގެ ގެއަށް ފުލުހުން ވަނީ 2015 ވަނަ އަހަރުގެ 18 ޖެނުއަރީ 18ވަނަ ދުވަހުގެރޭ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުނެވެ.

ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ދެ މައްސަލަވެސް ކޮމިޓީން މިހާރު ބެލުމުގެ ބޭނުމެއް ނެތްކަމަށް ކޮމިޓީގެ މެންބަރުންގެ އިއްްތިފާގުން ފާސްކޮށްފައިވާަ ކަމަށެވެ.

މި ގޮތަށް ނިންމީ ދެ މައްސަލަައިގައި، ނާޒިމް މިހާރު މިނިވަންވެފައިވުމުންނެވެ.އެއާއެކު މި ރިޕޯޓަށް ވޯޓު ދެއްވި 65 މެންބަރުންގެ އިއްތިފާގުން މަޖިލީހުން ވަނީ އެގޮތަށް ފާސްކޮށްފައެވެ.