ތްރީއޭ ކުންފުނިން ޓެކްސްގެ ގޮތުގައި 1.8 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން މިއަދު އެ ކުންފުންޏަށް ކޮށްފައިވާ ހުކުމުގައި ވަނީ ޓީ.ޖީ.އެސް.ޓީ އާއި ގްރީން ޓެކުހާއި އެއާ ގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ބުނެފައިވެއެވެ.

އެ ކޯޓުން ކޮށްފައިވާ ހުކުމުގައި ވާ ގޮތުން ތްރީއޭ ކުންފުނިން، ޓީ.ޖީ.އެސް.ޓީ އަދި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1.8 މިލިއަން ޑޮލަރު (ދިވެހި 28 މިލިއަން ރުފިޔާ) ދައްކަން ޖެހެއެވެ.

މީގެ ތެރޭގައި ހިމެނެނީ ގްރީން ޓެކްސް އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 959,454 ޑޮލަރެވެ. މި ފައިސާ ފަސް މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ ކަމަށް އެ ކޯޓުން ކޮށްފައިވާ ހުކުމުގައި ވެއެވެ.

ތްރީއޭގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާއިރު، ލައިސަންސް ނެތި އެ ކުންފުނިން ހިންގަމުން ގެންދިޔަ ތިން ރިސޯޓަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ މެއި މަހު އަލުން ލައިސަންސް ދީފައެވެ. ލައިސަންސް އަލުން ދީފައިވަނީ އެއް އަހަރުގެ ތެރޭގައި ޖޫރިމަނާ އާއި ކުލީގެ ގޮތުގައި ހުރި ފައިސާ ދެއްކުމަށެވެ.

އެ ކުންފުނިން ހިންގަމުން އަންނަ ފިލިތެޔޮ ރިސޯޓުން 8.1 މިލިއަން ޑޮލަރު (ދިވެހި 124.9 މިލިއަން ރުފިޔާ) ދައްކަން ޖެހެއެވެ. ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ މެދުފުށިންނެވެ. އެއީ 4.2 މިލިއަން ޑޮލަރު (64 މިލިއަން ރުފިޔާ) ރިސޯޓު ކުއްޔާއި ޖޫރިމަނާއެވެ. އަދި ހޮނޑާފުށިން 409،575 ޑޮލަރު (6.3 މިލިއަން ރުފިޔާ) ދައްކަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Juhaa

    ޙުކުމްކުރި ފަނޑިޔާރު ވަކިކުރަން އަވަހަށް ހުށަހަޅަން ހިސާން ހުސައިން ގާތު ބުނޭ. ކަލޭމެންނާ ދެކޮޅަށް ހުކުމެއް ކޮށްފިއްޔާ އެއީ ބޭއިންސާފު ހުކުމެއް. ފަނޑިޔާރަކު ރަހީނުކޮށް ގިރިފުށީގައި ބެހެއްޓީމާ އެކަމުގައިވެސް ކުށްވެރިވަނީ ޔާމީނު.

    9
    2
  2. ކިނބޫ

    ރައްޔިތުންގެ ފައިސާ ފޭރި ކަމުން ގެންދާ ވަގު މަހުޖަނުން ތިތިބެނީ. ބޮޑު ގޮނޑިއަށް އަރާ ބަރިބަރިއަށް ކޮމިޝަން ހަދައިގެން މިއަދު ތިބޭ. އަހަރުމެންގެ ހައްގު ހޯދުމަށް ދައުވާކޮށް އިންސާފު ލިބިގަންނާނެ ކަމާމެދަކު ޝައްކެއް ނެތް. އެދުވަހާމެދު ޣާފިލުވެ މުއްސަނދިކަމުގަ މިއަދު އުޅެލާ.