ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަދި ފުޓުބޯޅަ ތަޖުރިބާކާރު އަލީ ސުޒޭންގެ ފާޑުކިޔުންތަކަށް އިޖާބަދީ، އެފްއޭއެމްއިން ކަންކަން ރަނގަޅު ކުރުމުން، އެކަމަށް ސެލިއުޓް ކުރާ ކަމަށް އޭނާ ބުނެފިއެވެ.

ދަނޑުގެ އިންޓަވިއު ނަގަން ހަދާފައިވާ ބެކްޑްރޮޕާއި، ބޯޅަ ތަކުގެ އިތުރުން ބޯޑުތަކަށްވެސް، އާ ސީޒަނާ ދިމާކޮށް ބަދަލެއް ގެނެސްފައި ނުވާތީ މީގެ ކުރިން ސުޒޭން ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ އިރު، އިއްޔެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެތަކެއް ވާހަތަކެއް ދެކެވުނު ބެކް ޑްރޮޕް މައްސަލަ ހައްލު ކޮށްފައިވާ ކަމަށާއި، "ދެން އޮންނާނީ ނަތީޖާއަށް ފޯކަސް ކުރުން،" ކަމަށެވެ.

އެ މޭރުމަކުން ބައްސާމް ޓްވީޓް ކުރެއްވުމުން އެ ބަހަކީ ސުޒޭނަށް އެއްލި ބަހެއް ކަމަށް މީޑިއާތަކުންވެސް ބުނެފައިވާ އިރު، ސުޒޭން ބުނެފައި ވަނީ އެ ޓްވީޓަށް އޭނާ ރައްދު ދޭން ނުޖެހޭ ކަމަށެވެ.

"މިއަދުވެސް (އިއްޔެ) ވެސް އުޅުނު ޓްވީޓެއްގެ ވާހަކަވެސް. އެ ޓްވީޓާއި ގުޅިގެން އަޅުގަނޑު ރައްދު ދޭކަށް ނުޖެހޭ. އަޅުގަނޑު އެފްއޭއެމްގެ ރައީސް އާއި ޗެލެންޖް ކޮށްލެވޭނެ އެއްވެސް ފެންވަރެއް ވެސް ހައިސިއްޔަތެއްވެސް ނުހުންނާނެ. އެއީ މުޅި ފުޓުބޯޅައިގެ އެންމެ އިސްވެރިޔާ. މި ރާއްޖޭގެ ހުރިހާ ފުޓްބޯޅައިގެ އިންޗާޖް އެފްއޭއެމްގެ ރައީސް އަކީ އެހެންވީމަ އޭގެ ޓްވީޓަކާ އަޅުގަނޑު ޗެލެންޖް ކޮށްފިއްޔާ އަޅުގަނޑު ވަރުގެ ދަށް މީހަކު ނުހުންނާނެ." ސުޒޭން އިއްޔެގެ މެޗަށްފަހު ބުންޏެވެ.

ސުޒޭން ބުނެފައި ވަނީ އެފްއޭއެމްއިން ކަންކަމަށް ހައްލު ގެނެސްދެއްވި ކަމަކީ އުފާކުރާ، އަދި އެކަމަށްޓަކާ އެފްއޭއެމްގެ ރައީސަށްވެސް ޝުކުރު އަދާކުރައްވަން ޖެހޭ ފަދަ ކަމެއް ކަމަށެވެ.

"އެފްއޭއެމް އަށް އެހެން ބުނަން ހައްގު. އެއީ އަޅުގަނޑަށް ބުނެވުނު ގޮތާއި އެވާހަކަ ދެއްކުނު ގޮތް އަޅުގަނޑަށް މިހާރުވެސް އެނގޭ އެހާ ރަނގަޅެއް ނޫން. އެހެން ނަމަވެސް މެޗެއް ނިންމާފަ އެކަހަލަ ވާހަކައެއް ދައްކާއިރު، ހަމަ ވަރަށް އިހުތިރާމާއެކު މިއެދެނީ ރަނގަޅަކަށް ނޫން ބުނެވުނީކީ. އަޅުގަނޑުގެ ހުރިހާވެސް މަގުސަދަކީ މީހަކާ ދިމާލަށް އެއްޗެކޭ ބުނުމަށްވުރެ އެކަންކަން ރަނގަޅު ކުރަން. މިއަދު އެކަން ހާސިލު ކުރެވުނީ އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އެފްއޭއެމްގެ ރައީސަށްވެސް އަދި މިކަމުގައި އުޅުނު ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން." ސުޒޭން ބުންޏެވެ.

"އަޅުގަނޑު އެއްވެސް ހާލެއްގައި ނުބުނާނެ އަޅުގަނޑު އެހެން ބުނެގެން އެ ޖަހާކަށް ނޫންހޭ ޖެހުނީ، ނުޖެހޭ ޖަހާކަށްވެސް. ހަގީގަތަކީ ފުޓްބޯޅަ އަށް އެ ބޭފުޅުންވެސް އޮތް އިންޓަރެސްޓެއްގެ ސަބަބުން މިކަން ކުރީމަ އަޅުގަނޑު ހަމަ ސެލިއުޓް ނަގަން. ހިނގައިދާނެ އެކަހަލަ ކަމެއް. އެއީ ވެދާނެ ކަމެއް." ސުޒޭން އިތުރަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މމސ

    ސުޒޭން އަށް ވެސް ބައްސާމް އަށްވެސް އަހަރެމެން އެދެނީ ކުރިއެރުން ލިބުމަށް އަސްލު ކަންކަން ހައްލުވާނެ ކަންކަން ހައްލުކުރަން އުޅުނީމަ

  2. ވވވ

    ސްޒޭން އައްވެސް ސެލިއިޓު ނަގަން އިންސާފު ވެރިކަމާ އެކު ބަސްބުނެލީތީވެ.