އެމެރިކާގެ ރައީސް ޑޯނަލްޑް ޓަރަމްޕް ފަލަސްތީނު ވިއްކާލަމުން ދާއިރު އަރަބި ގައުމުތަށް މަޑުން ތިބުމުން އެގައުމުތަކުގެ އަސްލު ކުލަ ފެންނަމުން ދާކަމަށް ބަހްރެއިންގެ އިލްމުވެރިއަކު ވިދާޅުވެއްޖެއެވެ.

ބްހްރެއިންގެ އިސް ދީނީ ދަންނަބޭކަލެއް ކަމަށްވާ އާޔަތުﷲ ގާސިމް ވިދާޅުވީ ގަރުނުގެ އެއްބަސްވުމުގެ ނަމުގައި އެމެރިކާއިން އިސްވެ ހަދާފައި އޮތް އެއްބަސްވުމުގައި ނުޖެހުމަށް ފަލަސްތީނަށް ގޮވާލާ ކަމަށާއި އެ އެއްބަސްވުމަކީ ފަލަސްތީނުގެ ރައްޔިތުންގެ އަތުގައި މިހާރު އޮތް އެތިކޮޅުވެސް ވިއްކާލާނެ އެއްބަސްވުމެއް ކަމަށެވެ.

"މި އެއްބަސްވުމަށް ދެކޮޅު ހެދުމަކީ އަޅުވެތިކަމުން ސަލާމަތްވާން އޮތް މަގު , އެމެރިކާއިން ފަލަސްތީނު ވިއްކާލަމުން ދާއިރު އަރަބި ގައުމުތައް މަޑުން ތިބުމުން އެގައުމުތަކުގެ އަސްލު ކުލަ މިދަނީ ފެންނަމުން " އޭނާ ވިދާޅުވިއެވެ.

އާޔަތުﷲ ގާސިމް އިތުރަށް ވިދާޅުވީ ބަހްރެއިންގެ ރައްޔިތުން ވެސް ތިބީ މި އެއްބަސްވުމަށް ނޫނެކޭ ބުނެގެން ކަމަށެވެ.

ފަލަސްތީނު ވިއްކާލަން އެމެރިކާއިން ބާއްވާ ސަމިޓް އޮންނާނީ މި މަހުގެ 25 އިން 26 އަށެވެ. މި ސަމިޓުގައި ސައުދީ ވެސް ބައިވެރިވެއެވެ. ބަހްރޭންގައި ބާއްވާ ސަމިޓަކީ އެމެރިކާ އާއި އިސްރާއީލުން ބޭނުންވާ ގޮތައް ފަލަސްތީނުން އަމަލު ކުރަން އެއްބަސްވުމުން ބަދަލެއްގެ ގޮތުން ދޭނެ ފައިސާގެ އަދަދާއި، އިޤުތިޞާދީ އެހީތަކާއި އަރަބި ގައުމުތަކުން ފަލަސްތީނުގައި ހިންގާނެ މަޝްރޫޢުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެ ސަމިޓެކެވެ.

އެމެރިކާ އިން އެކުލާފައިވާ އެއްބަސްވުން އިސްރާއީލްގެ މީޑިއާތަކުން ވަނީ އާއްމު ކޮށްފައެވެ. ފަލަސްތީނުން ވަނީ އެއެއްބަސްވުން ގަބޫލު ނުކުރާނެ ކަމަށާއި އެއްބަސްވުމާއި ބެހޭ ގޮތުން އިތުރަށް ކުރާނެ މަޝްވަރާއެއް ވެސް ނޯންނާނެ ކަމަށް ބުނެފައެވެ.