މިހާރު ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ބަދަލު ކުރުމަށް ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މިބިލްގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

މިބިލް މަޖިލީހަށް ހުށަހެޅީ ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖު އެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ޖޭއެސްސީގެ ގާނޫނުގެ 21 ވަނަ މާއްދާގެ ފަހަތަށް "ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުން" ގެ ނަމުގައި މާއްދާއެއް އިތުރުކޮށް ޖޭއެސްސީގެ ދަށުން ހިނގާ ގޮތަށް ޑީޖޭއޭގެ ނަމުގައި އިދާރާއެއް އުފެއްދުމަށެވެ.

ސިރާޖުގެ އިސްލާހުގައިވާ ގޮތުން މަޖިލީހުން ބިލު ފާސްކޮށް ރައީސްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާ ހިސާބުން މިހާރު އޮތް ޑީޖޭއޭ އުވިގެންދާނެ އެވެ.

ޑީޖޭއޭ އަކީ ޝަރުޢީ ދާއިރާގެ އިދާރީ އެންމެހައި ކަންކަން ރާވާއި ހިންގައި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ އިދާރާއެވެ. ޖޭއެސްސީގެ ޤާނޫނު ފުރަތަމަ ފާސްކުރިއިރު ވެސް ޑީޖޭއޭ އަކީ ޖޭއެސްސީގެ ދަށުން ހިނގަމުން އަންނަ އިދާރާއެއްގެ ގޮތުގައި އޮތީ ކަނޑައަޅާފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން 02 ޑިސެމްބަރ 2008 ގައި ނެރުނު ރޫލިން އަކުން ޑީޖޭއޭ އަކީ ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިހާރު މި އިދާރާ ހިންގުމާ ޙަވާލުވެތިއްބެވި ފަރާތްތަކާ ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ޖަވާބުދާރީވަމުން ގެންދާނީ ސުޕްރީމް ކޯޓަށެވެ.

ޑީޖޭއޭގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ޝަރުޢީދާއިރާއަށް ބޭނުންވާ ޢިމާރާތްތަށް ކުރުމާއި، މަރާމާތުތައް ކުރުމާއި، ޓެކޮނޮލޮޖީ ފޯރުކޮށްދިނުމާއި، މީހުންބިނާކުރުމާއި، ތަފާސްހިސާބު އެއްކޮށް ޝާއިޢުކުރުމާއި، ވަޒީފާ ދިނުމާއި ވަކިކުރުން އަދި އިދާރީއެންމެހާ މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމެވެ.

ޑީޖޭއޭ ސުޕްރީމް ކޯޓުގެ ދަށަށް ބަދަލު ކުރުމަކީ ޤާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރިން ފެށިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން އައި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަސީހު

    ދެންތިހެންގޮސް ރައީސް އޮފީހަކީވެސް މަޖުލިސް އިދާރާގެ ދަށުން ހިންގާތަނަކައް ބަދަލުކޮއްލާ

    14
    1
  2. އިބްރާހިމް

    އުމްރާނީ ތަރައްގީއަށްޓަކައި ތިޔަޖުރައްވާ މަސައްކތަށް ހަމަސާބަސް.

    2
    4