ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަކިކުރުމުގެ މައްސަލާގައި ބަހުސްކުރެއްވި މެމްބަރުންގެ ތެރޭގައި ދެ ވިސްނުމެއް އުޅުއްވިއެވެ. ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހަޅުއްވާފައިވަނީ ފަނޑިޔާރު ވަކިކުރަން ނިންމުމުގެ ކުރިން ޖޭއެސްސީން އޭނާގެ މައްސަލަ އަމަލު ކުރި ގޮތް ދިރާސާކުރަން ކޮމިޓީއަށް ފޮނުވުމަށެވެ. އެކަމަކު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ފަނޑިޔާރު ވަކިކުރަން މިއަދު ފާސްކުރަން ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

އަސްލަމްގެ ހުށަހެޅުން މަޖިލީހުން ބަލަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ އިއްތިފާގުންނެވެ.

މި މައްސަލާގައި ވޯޓަށް ހުށަހެޅި އިރު އިއްޔެވެސް ދިމާވިގޮތަށް ސިސްޓަމަށް މައްސަލަ ދިމާވުމާ ގުޅިގެން ވޯޓު ނަގާފައިވަނީ ފެންނަ ކަމަށް ފެނިވަޑައިގަންނަވާ މެންބަރުން ކޮޅަށް ތެދުވަވަޑައިގަންނަވާ ގޮތަށެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ މައްޗަށް ތުހުމަތުކުރާ މައްސަލައަކީ އަންހެނަކާ ދިމާލަށް މަގުމަތީގައި ހުރެ އާންމު އަހުލާގީ މިންގަނޑާ ހިލާފު ހަޑި ހުތުރު އެއްޗެހިތަކެއް ގޮވި މައްސަލަ އެވެ. މި މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާފައިވަނީ 25 އޭޕްރިލް 2013 ގައެވެ. މި މައްސަލާގައި މެޖިސްޓްރޭޓް ސަސްޕެންޑް ކޮށްފައިވަނީ 30 މެއި 2016 ގައެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވާ ގޮތުން އެއް ވެސް ފަނޑިޔާރަކު އެއްވެސް ތަނެއްގައި އެ ފަނޑިޔާރެއްގެ އަބުރާއި ކަރާމަތާއި އިހުތިރާމް ކެނޑޭ ފަދަ އެއްވެސް ގޮތަކަށް އަމަލުކޮށްގެން ނުވާނެއެވެ. މިއީ ޖޭއެސްސީން ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ފުރަަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެއެވެ.