ހއ ދިއްދޫގައި އިއުލާނު ކުރެމެއް ނެތި ބަހާލި ފްލެޓްތައް ހަވާލު ނުކުރެވޭނެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފިއެވެ.

އޭސީސީން މިއަދު ވިދާޅުވީ، އިއުލާނު ކުރުމެއް ނެތި ބަހާލި ފްލެޓްތައް ހަވާލު ނުކޮށް، އަލުން އިއުލާނުކޮށްގެން ފްލެޓްތަކުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެ ރަށު ކައުންސިލަށް އަންގާފައިވާކަމަށެވެ.

އޭސީސީން މިއަދު ވިދާޅުވީ ދިއްދޫގައި ސަރުކާރުން ޢިމާރާތްކުރި 250 ހައުސިންގ ޔުނިޓުގެ ތެރެއިން މިހާރު ދޫނުކުރައްވައި ހުރި ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އެރަށު ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނާއި ހަައުސިންގ ކުރި އިޢުލާނު ބާޠިލުކޮށް، ހައުސިންގ ޔުނިޓްތައް ދޫކުރުމަށް އަލުން އިޢުލާނު ކުރުމަށް ދިއްދޫ ކައުންސިލްގެ އިދާރާއަށް އެ ކޮމިޝަނުން އަންގާފައިވާނެ ކަމަށެވެ.

އެ 250 ފްލެޓްގެ ތެރެއިން މިހާރު ދޫކުރެވި ބާކީހުރި 110 ހައުސިންގ ޔުނިޓް ޔުނިޓެވެ.

އެ ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ދިއްދޫ ކައުންސިލްގެ އިދާރާއިން 09 ޖޫން 2019 ގައި ކޮށްފައިވާ އިޢުލާނާއި ބާކީހުރި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 100 ހައުސިން ޔުނިޓް ދޫކުރުމަށް ހައުސިންގ މިނިސްޓްރީން 30 ޖުލައި 2018 ގައި ކޮށްފައިވާ އިޢުލާން ބާތިލް ކުރުމަށް އޭސީސީން ވަނީ އަންގާފައެވެ.

"ބާކީހުރި ހައުސިންގ ޔުނިޓްތައް ދޫކުރާނެ އުސޫލަކާއި ޕޮއިންޓް ދޭނެ އުސޫލެއް އަލުން ކަނޑައަޅައި އެ އުސޫލުތަކާ އެއްގޮތަށް، މިހާރު އެކަމަށް އެދޭ ހުރިހާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބޭގޮތަށް، އަލުން އިޢުލާންކޮށްގެން އެކަން ކުރިޔަށް ގެންދިޔުމަށް ހއ.ދިއްދޫ ކައުންސިލްގެ އިދާރާއަށް 24 ޖޫން 2019ގައި މިކޮމިޝަނުން ވަނީ އަންގާފައެވެ". އެ ކޮމިޝަނުން ވިދާޅުވިއެވެ.

ދިއްދޫގެ ފްލެޓްތަކަށް 2015 ވަނަ އަހަރު ކުރިމަތިލީ މީހުންގެ ތެރޭގައި ޝަރުތު ހަމަވި 140 ފަރާތަކަށް ކުރީގެ ސަރުކާރުން ފްލެޓް ހަވާލުކޮށްފައި ވެއެވެ. އަދި މިދިޔަ އަހަރު ބާކީ ހުރި 110 ފްލެޓްއަށް ކުރިމަތިލާން ހުޅުވާލުމުން އެތައް ސަތޭކަ ބަޔަކު ކުރިމަތިލާފައިވަނިކޮށް އިއުލާނު ވަނީ ބާތިލްކޮށްފައެވެ.

އެރަށު ކައުންސިލުން އެމްޑީޕީ މީހުންނަށް ފްލެޓްތަށް ބަހާލީ އިއުލާނު ކުރެމެއް ނެތި 2015 ވަނަ އަހަރު އިއުލާނުކޮށްގެން ކުރިމަތިލީ މީހުންގެ ލިސްޓަށް ބަލައިގެންނެވެ.

އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލުން ފްލެޓްތައް ބަހާލިއިރު ފްލެޓްތައް ލިބިފައިވާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަކީ އެމްޑީޕީ މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިޔަލަ

    އަލީ ހާސިމު ލަލާ ލަލާ

  2. އ. ޖ. އ

    ފެނޭތަ ކޮރަޕްޝަން ނައްތާލާ ތަން

  3. ޤާދިރު

    ފްލެޓްތައް ބަހައިލި މީހުންގެއަތުން ރިޝްވަތުގެގޮތުގައި ރުފިޔާ ހޯދާފައިވޭތޯވެސް ބަލަންވާނެ!

  4. ބޯންތަށި

    ހަވާލު ކުރި ފުލެޓުތަކަށް އޭރު ޝަކުވާ ހުށައެޅި، އޭގެ ޖަވާބު އަދިވެސް ވީ ތަނެއް ނޭނގޭ. ދެން އެބުރުގަވެސް އޭސީސީއަށް މައްސަލަ ހުށައެޅި. ޢެކަމު އެ މައްސަލަ ނުވެސް ބަލާ. ފަހުން ހުށައެޅި މައްސަލަ ބެލި އިރު ކީއްވެބާ ކުރިން ލީ މައްސަލަ ނުބެލީ. އަލުން އިޢުލާން ކޮށްފިޔާ އަނެއްކާވެސް އަނެއް 5 އަހަރު މަޑުކުރަންވީ. ތި ފުލެޓްތައް ބިމާ ހަމަވަންދެން ބަހައްޓާ.. ?

    1
    2