ދިވެހި ރާއްޖެއިން ރަޝިއާ އަށް އެކްސްޕޯޓް ކުރަމުން އަންނަ މަހުގެ ބާވަތް އިތުރު ކުރެވޭނެ ގޮތާއި އެކްސްޕޯޓް ކުރުމަށް ލުއިތަކެއް ހޯދުމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރ ވަނީ މިއަދު ރަޝިއާގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯވްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި މަޝްވަރާކުރެވިފައެވެ.

އެގޮތުން އެމަޝްވަރާގެ ތެރޭގައި އެ ދެބޭފުޅުން ވަނީ ރާއްޖެއިން ރަޝިއާއަށް އެތެރެކުރާ ރާއްޖޭގެ މަހުގެ ބާވަތްތައް އިތުރުކުރަން މަޝްވަރާ ކުރައްވާފައިކަަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. އަދި މި މަޝްވަރާގައި މިހާރު މަހުގެ ބާވަތްތަށް އެކްސްޕޯޓް ކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ލަވްރޯވް ވިދާޅުވެފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް ފުޅާކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ޓެރެރިޒަމް އާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ މިނިސްޓަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު