އަންނަ މަހުގެ 3 ން 6 ށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ 18 ވަނަ އިލެކްޓޯރަލް އެފެއާރޒް ސިމްޕޯސިއަމް އާ ގުޅޭ ގޮތުން އިލެކްޝަނުން ރާއްޖޭގެ މީޑީޔާ ތަކާ މަޝްވަރާ ކޮށްފިއެވެ.

މި ސިމްޕޯޒިއަމް އަކީ ދުނިޔޭގެ ޤައުމުތަކުގައި ބާއްވާ އިންތިޚާބު ތަކުގައި ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމާއި ގުޅޭގޮތުން، ދުނިޔޭގެ ފެންވަރުގައި މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މިފަހަރުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.

މިކަމާއި ގުޅޭގޮތުން މީޑިޔާ ތަކާ މަޝްވަރާ ކުރައްވަމުން އިލެކްޝަން ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަޙުމަދު އަކްރަމް ވިދާޅުވީ މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ސިމްޕޯޒިއަމް ކަމަށާ ގާތްގަނޑަކަށް 60 ޤައުމުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބަލަނީ މި ކޮންފަރެންސްގައި ގާތްގަނޑަކަށް 100 ވަރަކަށް ބޭފުޅުން ބައިވެރިވާނެ ކަމަށް. މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ސިމްޕޯޒިއަމް. އިންތިހާބުގައި ބޭނުން ކުރާ އާލާތްތައް ވިއްކާ ކުންފުނިތައްވެސް މި ސިމްޕޯޒިއަމްގައި ބައިވެރިވާނެ. 60 ޤައުމެއްގެ މަތީ ވަފުދުތަކެއް މި ބައްދަލުވުމުގައި ބައިވެރިވާނެ." އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން މީޑިޔާތަކާއި އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ އީސީ

އަކްރަމް ވިދާޅުވީ މިއީ މިފަދަ އިވެންޓެއްގައި އިލެކްޝަން ކޮމިޝަނުން ބައިވެރިވާ ތިން ވަނަ ފަހަރު ކަމަށާ މި ބައްދަލުވުމުގައި މަޝްވަރާ ކުރާނީ އިންތިހާބުތަކުގައި ބޭނުން ކުރާ އިލެކްޓޯރަލް ނިޒާމަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ގުޅޭގޮތުން ކަމަށެވެ.

"އިލެކްޝަން ކޮމިޝަނުން ވަރަށް ބޮޑަށް އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމެއް މީ. ބައިނަލް އަޤުވާމީ ކޮންފަރެންސް ތަކުގައި އިލެކްޝަން ކޮމިޝަނުން ބައިވެރިވެ، އޭގެ އިމްޕުޓް، ބާއްވާ އިންތިޚާބުގައި ބޭނުން ކުރުން. އިންތިހާބުތައް މިހާރަށް ވުރެ ރަނގަޅަށް ގެންދަން ކުރެވޭނީ ކޮންކޮން ކަންތައްތަކަކާއި ގުޅޭގޮތުން. މި ބައްދަލުވުމުގައި ރާއްޖޭގެ ކަމާއި ގުޅޭ މުޢައްސަސާތަކުންނާއި، ޖަމްޢިއްޔާތަކުންވެސް ބައިވެރިވާނެ." އަކްރަމް ވިދާޅުވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތައް ކުރިއަށް ދާނީ ބަނޑޮސް އައިލެންޑާއި ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު