ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ނެޝަނަލް ތެލެސީމިއާ ސެންޓަރަށް މިއަދު ޒިޔާރަތް ކުރައްވައި އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ތަނުގެ ހާލަތު ބައްލަވައި ލައްވައިފިއެވެ.

މި ޒިޔާރަތުގައި ނައިބްރައީސް ވަނީ އެ ސެންޓަރުގެ އެކިއެކި ޚިދުމަތްތައް ކުރިޔަށްދާގޮތް ބައްލަވައިލައްވައި ސެންޓަރުގެ ޚިދުމަތް ހޯދާ ބައެއް ފަރާތްތަކާ އަދި ސެންޓަރުގެ މެނޭޖްމަންޓާވެސް ބައްދަލުކުރައްވާފައެވެ.

ތެލެސީމިއާ ސެންޓަރުގެ މެނޭޖްމަންޓުން ވަނީ އެ ސެންޓަރަށް ކުރިމަތިވެފައިވާ އިމާރާތުގެ ދަތިކަމާއި ވަޞީލަތްތަކުގެ ދަތިކަމާއި ތަނުގެ މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ނައިބްރައީސް ފައިސަލް ނަސީމްއާ ޙިއްޞާ ކުރައްވާފައެވެ.

މިއަދު ކުރެއްވި ޒިޔާރަތުގައި ނައިބުރައީސްވަނީ ޞިއްޙީ ދާއިރާއަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ އެއް ދާއިރާކަން ފާހަގަކުރައްވައި، އެ ސެންޓަރުގެ މެނޭޖުމަންޓުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.