ސިވިލް ކޯޓުގެ ޤާޟީ ހަސަން ފަހީމްއާ ގުޅޭ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ސިވިސް ކޯޓުގެ ޤާޟީ ހަސަން ފަހީމް އިބްރާހިމްއާ ގުޅޭގޮތުން ހުށަހެޅިފައިވާ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމާފައިވާކަމަށް ޒަހީން ވިދާޅުވިއެވެ.

"މި ޝަކުވާއަކީ ދިވެހި ރާއްޖޭގެ ބަންޑާރަ ނައިބްގެ އޮފީހުން ހުށަހަޅާފައިވާ ޝަކުވާއަކާއި ގުޅިގެން ކޮމިޝަނުން ބަލަން ނިންމާފައިވާ ޝަކުވާއެއް". ޒަހީން ވިދާޅުވިއެވެ.

މި ޝަކުވާ ބެލުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް ވަނީ ކޮމިޝަނުން އެކުލަވާލާފައެވެ. އެ ކޮމެޓީގައި ހިމެނެނީ، ކޮމިޝަންގެ މެންބަރު އަބްދުއް ރައޫފް އިބްރާހިމް، ނައިބް ރައީސް މަސްތޫރް ހުސްނީ، އަދި ކޮމިޝަންގެ މެންބަރު ހިސާން ހުސައިންއެވެ.

އަދީ މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޟީ ހަސަން ނަޖީބާއި ގުޅޭ ތިން ޝަކުވާއެއް ބެލުމަށް ޖޭއެސްސީން ނިންމާފައިވާކަމަށް ވެސް ޒަހީން ވިދާޅުވިއެވެ.