ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ގަވާއިދާއި ހިލާފަށް ވެލި ބަރުކޮށްގެން ދަތުރު ކުރަނިކޮށް ލ.ހިތަދޫ ކައިރިން ފެނުނު ސީސީސީސީގެ ބޯޓު އެހެން ބަޔަކަށް ވިއްކާލައިފިއެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވެލިބަރުކޮށްފައި އޮއްވައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ފެނުނު ބޯޓު އެ އިދާރާގެ ހުއްދަނެތި އެހެން ސަހަރައްދުތަކަށް ދަތުރުކުރާތީ ކަސްޓަމްސްގެ ދަށަށް ބޯޓު ގެންގޮސްފައިވާ ކަމަށެވެ. އެއަށްފަހު ފިޔަވަޅުތައް އަޅާފައިވާ ކަމަށް ބުންޏެވެ. މިބޯޓަކީ ސިނަމާލެ ބްރިޖުގެ މަސައްކަތަށް ޗައިނާގެ ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއްކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.

ކަސްޓަމްސް އިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، ސިނަމާލެ ބްރިޖް ހެދި ސީސީސީސީ އިން އެ ބޯޓު އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމަށެވެ. އެ އުޅަނދުގެ ޑިއުޓީގެ ގޮތުގައި ކަސްޓަމްސް އަށް ދައްކަންޖެހޭ ފައިސާ މިދިޔަ މަހުގެ 27 ވަނަ ދުވަހު ދައްކާފައިވާ ކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.

މި ބޯޓު ހިފަހައްޓައި ފުލުހުން ބޯޓު ފާސްކުރިއިރު ބޯޓުގައި ރަޖިސްޓްރޭޝަން ނަންބަރ އަދި އެއްވެސް ޤައުމެއްގެ ދިދައެއް ނެތްކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ބޯޓަށް ވެލިބަރުކޮށްގެން ދިޔައީ ބޯޓުގައިހުރި ބަރު ވެހިކަލްތައް ބެލޭންސް ކުރަންކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް މިވެލި ނަގާފައިވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެންކަން ހާމަވާ އެއްވެސް ލިޔުމެއް ނެތް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ކަސްޓަމްސްގެ ބަޔާނުގައި ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކި ޕްރޮޖެކްޓުތަކުގެ ބޭނުމަށް 51 އުޅަނދެއް ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ހުއްދަދީފައިވާ މުއްދަތު ހަމަނުވާތީ 37 އުޅަނދެއް، އެ އުޅަނދެއް ގެނެވުނު ޕްރޮޖެކްޓުގައި ބޭނުންކުރަމުން އަންނައިރު މުއްދަތު ހަމަވެގެން 12 އުޅަނދަކަށް ރާއްޖެއިން އަނބުރާ ފޮނުވާލަން ނުވަތަ ޑިއުޓީ އަށްވާ ފައިސާ ދައްކަން އަންގާފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.